ވެސްޓް ޕާކާ ދިމާލުގައި މަސް ބޭނުމަށް ހަދާފައިވާ ޖެޓީ މަތީގައި ދެ މީހަކު މަސް ބާނަން ތިއްބައި، އެ ޖެޓީ ބިނދިގެން ވެއްޓި އެ ދެމީހުންނަށް އަނިޔާވެއްޖެ އެވެ.

އެ ހާދިސާ ހިނގާފައިވަނީ މިއަދު 17:57 އެހާއިރު އެވެ. ފުލުހުން ބުނީ އެ ހާދިސާ ހިނގަން މެދުވެރިވީ މަސްބާނަން ތިބެން އެތާގައި ހަދާފައި ހުރި ހަތަރު ބްލޮކްގެ ތެރެއިން މެދުގައި އިން ދެ ބްލޮކް ވެއްޓިގެން ކަމަށެވެ. އަދި އަނިޔާވެފައިވަނީ އެ ބްލޮކް ބިންދައިގެން ދިޔަ ގަޑީގައި އޭގެ މަތީގައި ތިބި މީހުންނަށް ކަމަށް ފުލުހުން ބުންޏެވެ.

"ވެއްޓުނު ދެމީހުންގެ ތެރެއިން އެކަކުގެ ފައިގެ ދައްފުއް ކަފައިގެން ގޮސްފައިވޭ. އަދި އޭނާ ވަނީ ހޮސްޕިޓަލަށް ފަރުވާއަށް ގެންދެވިފައި. ހާލު ސީރިއަސްއެއް ނޫން. " ފުލުހުން ބުންޏެވެ.

ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި އެ ސަރަހައްދު މިހާރު ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެތަނުގެ ހާލަތާ ބެހޭ މައުލޫމާތު މާލޭ ސިޓީ ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.