ޤައުމީ ކެރަމް މުބާރާތުގެ ހުރިހާ އިވެންޓެއްގެ ފައިނަލް ތަކަށް ކުޅުންތެރިން ހޮވިއްޖެއެވެ.

މި މުބާރާތުގެ ޓީމް އިވެންޓާއި މިކްސްޑް ޑަބަލަސްއާއި ޑަބަލްސްގެ ފައިނަލަށް ކުޅުންތެރިން ހޮވިފައިވާއިރު އިއްޔެ ވަނީ މި މުބާރާތުގެ އެންމެ ވާދަވެރި އިވެންޓު ކަމުގައިވާ ޕްރިމިއާ ޑިވިޝަންގެ ސިންގަލްސް ފައިނަލަށް ކުޅުންތެރިން ހޮވިފައެވެ.

ޕްރިމިއާ ޑިވިޝަން ފިރިހެން ސިންގަލްސް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ މިދިޔަ އަހަރުގެ ވެސް ޤައުމީ ޗެމްޕިއަން ހަސަން ނާޒިމެވެ. ސެމީ ފައިނަލްގައި ޝާފީ މުހައްމަދާއި ވާދަކޮށް ނާޒިމް މެޗް ކާމިޔާބު ކޮށްފައިވަނީ ތިން ސެޓު ދެ ސެޓުންނެވެ. ހަސަން ނާޒިމު ވަނީ ޤައުމީ ޗެމްޕިއަންކަން 2006 ވަނަ އަހަރާއި 2010 އަހަރު ހޯދާފައެވެ. ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކުރީ ހުސެއިން ނީޝާމެވެ. ސެމީ ފައިނަލްގައި އަހްމަދު ހާމިދާއި ވާދަކޮށް މެޗް ކާމިޔާބު ކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. ހުސެއިން ނީޝާމް ވަނީ ޤައުމީ ޗެމްޕިއަންކަން ހަ ފަހަރެއްގެ މަތިން ހޯދާފައެވެ. އެއީ 2000، 2001، 2002، 2007، 2008، އަދި 2009 ވަނަ އަހަރުއެވެ.

ޕްރިމިއާ ޑިވިޝަންގެ އަންހެން ސިންގަލްސް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ އައިމިނަތު ނިފާޝާ އެވެ. ސެމީ ފައިނަލްގައި އައިމިނަތު ވީދާދު އާއި ވާދަކޮށް މެޗް ކާމިޔާބު ކޮށްފައިވަނީ ތިން ސެޓު ދެ ސެޓުންނެވެ. އައިމިނަތު ވިދާދު ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ހަ ފަހަރު ޤައުމީ ޗެމްޕިއަންކަން ހޯދާފައިވާ އައިޝަތް ޝަޒާނާ ނޮކް އައުޓް ސްޓޭޖުގައި ބަލިކުރުމަށް ފަހުއެވެ. ކުރިއަރަމުން އަންނަ އުއްމީދީ ދެ ކުޅުންތެރިންގެ މެދުގައި ކުޅެވުނު ފޯރިގަދަ ސެމީ ފައިނަލުގައި ވިދާދު ބަލިކުރުމަށް ފަހު ނިފާޝާ ޤައުމީ މުބާރާތުގެ ފައިނަލަށް ދަތުރުކުރި މިއީ ފުރަތަމަ ފަހަރެވެ. ޕްރިމިއާ ޑިވިޝަން އަންހެން ސިންގަލްސް ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކުރީ އެންމެ ފަހުގެ ޤައުމީ ޗެމްޕިއަން އައިޝަތް ފައިނާޒެވެ. ސެމީ ފައިނަލްގައި އަފީފުންނިސާ އާއި ވާދަކޮށް މެޗް ކާމިޔާބު ކޮށްފައިވަނީ ތިން ސެޓު ދެ ސެޓުންނެވެ.

އިއްޔެ ކުޅެ ނިންމާލި ސެކަންޑް ޑިވިޝަންގެ އަންހެން އަދި ފިރިހެން ސިންގަލްސް ފައިނަލަށް ވެސް ވަނީ ކުޅުންތެރިން ހޮވިފައެވެ. މި މުބާރާތުގައި މިއަދު ޓީމް އިވެންޓުގެ ފައިނަލްތަކާއި މިކްސް ޑަބަލްސްގެ ފައިނަލާއި އަދި ޑަބްލްސް އިވެންޓުގެ ފައިނަލް ތަކުގެ އިތުރުން ޕްރިމިއާ ޑިވިޝަން އަންހެން ސިންގަލްސް ފައިނަލް މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ކުޅެވޭ ޕްރިމިއާ ޑިވިޝަން ފިރިހެން ޓީމް އިވެންޓުގެ ފައިނަލުގައި ވާދަކުރާނީ ކްލަބް އީގަލްސް އާއި އޯސަމް ކްލަބެވެ. އަންހެން ޓީމު އިވެންޓްގެ ފައިނަލުގައި ވެސް މިއަދު ވާދަކުރާނީ ކްލަބް އީގަލްސާއި އޯސަމް ކްލަބެވެ.

މިއަދު ކުޅެވޭ މިކްސްޑް ޑަބަލްސް ފައިނަލްގައި ވާދަކުރާނީ ހުސެއިން ނީޝާމާއި އައިމިނަތު ވިޝާމާގެ ޕެއާ އަދި އަލީ ނިޔާޒާއި އައިމިނަތް ނިފާޝާގެ ޕެއާ އެވެ.

މިއަދު ކުޅެވޭ ޕްރިމިއާ ޑިވިޝަން ޑަބަލްސް އިވެންޓުގައި ފައިނަލްގައި ވާދަކުރާނީ ހުސެއިން ނީޝާމާއި ހަސަން ނާޒިމްގެ ޕެއަރ އާއި އަލީ ނިޔާޒް އާއި މުހައްމަދު އިބްރާހިމްގެ ޕެއަރ އެވެ. އަންހެން ޑަބަލްސް ފައިނަލްގައި ވާދަކުރާނީ އައިޝަތު ފައިނާޒާއި އަފީފުންނިސާގެ ޕެއާ އަދި އައިޝަތު ޝަޒްނާ އާއި އައިމިނަތް ވީޝާމާގެ ޕެއާ އެވެ.

މިމުބާރާތުގެ އެންމެ ވާދަވެރި ފައިނަލް ކަމުގައިވާ ޕްރިމިއާ ޑިވިޝަން ފިރިހެން ސިންގަލްސް ފައިނަލް މެޗު ކުޅޭނީ މާދަމާ ހަވީރު 4:15 ގައެވެ. މި މެޗު ލައިވްކޮށް އެމްއެންބީސީ ވަން އިން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.