01 Jan 2020, 15:48
ވޮޝިންޓަން (ޖެނުއަރީ 1): އިރާގުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް އިއްޔެ ބަޔަކު ދިން ހަމަލާއާ ގުޅިގެން، އެމެރިކާއިން މެދުއިރުމައްޗަށް އިތުރު ސިފައިން ފޮނުވަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.
އިރާގުގައި ހަނގުރާމަވެރިންތަކެއް ތިބި ތިން ސަރަހައްދަކަށް އެމެރިކާއިން މިދިޔަ އާދިއްތަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން ނުރުހުން ފާޅު ކުރުމުގެ ގޮތުން އިއްޔެ ބަޣުދާދުގައި މުޒާހަރާ ކުރި މީހުން ވަނީ އެމްބަސީ ކުރިމަތީގަ އާއި އެތެރޭގައި ހުރި ބައެއް ތަކެތީގައި ރޯކޮށްފަ އެވެ. އަދި އެމީހުން ފަހަތަށް ޖެއްސުމަށް އެމެރިކާގެ ސިފައިން ވަނީ ކަރުނަ ގޭސް ޖަހައިފަ އެވެ.
އެމެރިކާ އިން އެ ވައިގެ ހަމަލާތައް ދިނީ އީރާނާ ގުޅުން ހުރި ޖަމާއަތެއް ކަމަށްވާ ކަތާއިބު ހިޒްބުﷲގެ މަރުކަޒުތަކަށެވެ. އެ ހަމަލާތަކުގައި 25 ހަނގުރާމަވެރިން މަރުވި އެވެ. އަދި އިއްޔެ އެމްބަސީއަށް ހަމަލާ ދިނީ އެ މީހުންގެ ޖަނާޒާތަކަށް ފަހު ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެގައުމުގެ އެމްބަސީއަށް ދިން ހަމަލާގެ ފަހަތުގައި ވަނީ އީރާން ކަމަށް ތުހުމަތު ކުރައްވާ، އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
ނަމަވެސް އީރާނުން ވަނީ އެތުހުމަތު ދޮގުކޮށްފަ އެވެ. އަދި އެމެރިކާއިން މެދުއިރުމަތީގައި ގެންގުޅޭ ގެއްލުން ދެނިވި ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ބުނެފަ އެވެ.
އޭގެ ފަހުން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕާ ވަނީ ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އެގައުމުން މެދުއިރުމައްޗަށް އިތުރު 750 ސިފައިން ފޮނުވަން ތައްޔާރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ މެއި މަހުގެ ފަހުން އެމެރިކާއިން ވަނީ ގަލްފަށް 14،000 އެމެރިކާ ސިފައިން ފޮނުވާފަ އެވެ. އެއީ އެ މަހު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ފުޖައިރާ ކަނޑުގެ ބަނދަރު ކައިރިން ތިން ތެޔޮ ޓޭންކަރަކަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އެމެރިކާއިން ވަނީ އެއީ އީރާނުން ދިން ހަމަލާތަކެއް ކަމަށް ތުހުމަތުކޮށްފަ އެވެ.
އެމެރިކާއިން ކަތާއިބު ހިޒްބުﷲގެ މަރުކަޒުތަކަށް ހަމަލާ ދިނީ އެ ޖަމާއަތުން މިދިޔަ ހުކުރު ދުވަހު އިރާގުގެ އަސްކަރީ މަރުކަޒަކަށް ރޮކެޓު ހަމަލާއެއް ދިނުމުންނެވެ. އެ ހަމަލާގައި އެމެރިކާ މީހަކު މަރުވެ، އެގައުމުގެ ހަތަރު ސިފައިން ޒަހަމްވި އެވެ. އަދި އެމެރިކާއިން ވަނީ އެގައުމުން ދިނީ "ދިފާއީ ހަމަލާތަކެއް" ކަމަށް ބުނެފަ އެވެ.
އެމެރިކާގެ ހަމަލާތައް އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހުދީވެސް ވަނީ ކުށްވެރި ކުރައްވާފަ އެވެ. އަދި އޭގެ ސަބަބުން ދެގައުމުގެ މެދުގައި އޮތް ގުޅުން މުރާޖައާ ކުރަން މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.