އަންނަ މަހު ދެވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕް ގައި ޕާކިސްތާނާއި ދެކޮޅަށް ބަންގްލަދޭޝް ނުކުންނަ މެޗުން މޮޅުވާން ބޭނުންވާ ކަމަށް އެޓީމުގެ ކޯޗް ނިކޯލާ އިލިއެވްސްކީ ބުނެފިއެވެ.

ވިސާ ގެ މައްސަލަ އާއި ހެދި ފުރުން ލަސްކުރި ބަންގަލަދޭޝް ގައުމީ ޓީމު މިއަދު ހެނދުނު އިންޑިއާގެ ނިއުދިއްލީ އަށް ފުރާފައި ވެއެވެ. ދަތުރު ލަސްކުރަން ޖެހުނީ ބަންގްލަދޭޝް ޓީމުގެ ތިރީސް މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކަށް ވިސާ ހަމަނުޖެހުމުން ނެވެ. ދަތުރު ލަސްކުރަން ޖެހުމުން ކޮލްކަތާގައި ކުޅުމަށް ހަމަޖެހުނު ޕްރެކްޓިސް ދެމެޗުވެސް ބަންގްލަދޭޝް އިން ފަސްކުރަން ޖެހުނެވެ.

"އަހަރެންނަށް ފެނުނު ވޯލްޑް ކަޕްގެ ޕްރީ ކޮލިފައިން މެޗުގައި ޕާކިސްތާނުގެ ކުޅުން. އެޓީމަކީ ރަނގަޅު ޓީމެއް. މިވަގުތު އެޓީމަށް ބަދަލުތަކެއް އައިސްފައި ވެސް ވެދާނެ. އެހެން ނަމަވެސް ޕާކިސްތާނާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވާން ބޭނުން. ނޭޕާލް އާއި ރާއްޖެ ކުޅުން އެނގޭނީ އެ ދެޓީމު ބައްދަލު ކުރާ މެޗަށް ފަހު." އިލިއެވްސްކީ ބުންޏެވެ.

ބަންގްލަދޭޝް އިން އިންޑިއާ އަށް ފުރީ އެކުވެރިކަމުގެ މެޗެއްގައި ލިބުނު މޮޅަކާއެކު އެވެ. އެޓީމު ވަނީ ޝެއިޚް ޖަމާލް ދަންމަންޑި ކުލަބާއި ދެކޮޅަށް ކުޅެ ކާމިޔާބީ ހޯދާފަ އެވެ. އެމެޗުގައި ބަންގްލަދޭޝް ޓީމުން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށް އެޓީމުގެ ކޯޗު އިލިއެވްސްކީ ބުނެއެވެ.

"މޮޅަކާއެކު ގައުމު ދޫކޮށް ދާން ޖެހުމަކީ ލިބޭނެ ހިތްވަރެއް. ޝެއިޚް ޖަމާލް ދަންމޮންޑީ ކުލަބާއި އެކު ކުޅުނު އެންމެ ފަހު ޕްރެކްޓިސް މެޗުގައި ޓީމުގެ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރި. ކުޅުންތެރިންނަށް ކުޅެވޭނެ އެންމެ ރަނގަޅަށް ކުޅެވޭތޯ ވެސް މަސައްކަތްކުރި." އިލިއެވްސްކީ ބުންޏެވެ.

ބަންގްލަދޭޝް އަކީ މިމަހު ފީފާ އިން ހޮވި ރޭންކިންގައި މި ސަރަހައްދުގެ އެއްވަނަ ޓީމެވެ. ނަމަވެސް މިމުބާރާތަށް އެޓީމު ކުރިމަތިލީ އުނދަގޫތަކަކާއި އެކުއެވެ. އެގޮތުން ސްޕޮންސާ އެއް ލިބުން ލަސްވުމުން އެޓީމުގެ ޓްރެއިނިންގް ކޭމްޕް ފަސްކުރުމާއި ވިސާ ލިބުން ލަސްވުމުން ކޮލްކަތާގައި ކުޅުމަށް ހަމަޖެހުނު ޕްރެކްޓިސް ދެމެޗު ވެސް ފަސްކުރަން ޖެހުނެވެ.

ސާފް ޗެމްޕިއަންޝިޕު ގައި ބަންގްލަދޭޝް ކުޅޭ ފުރަތަމަ މެޗަކީ މުބާރާތް ހުޅުވުމަށް ކުޅޭ މެޗެވެ. 14:30 ގައި ޕާކިސްތާނާއި ދެކޮޅަށް ކުޅޭ މިމެޗަށް ފަހު، ހަވީރު 17:30 ގައި ބައްދަލުކުރާނީ ދިވެހިރާއްޖެ އާއި ނޭޕާލް އެވެ. އަންނަ މަހު ދެވަނަ ދުވަހު ކުޅޭ ދެމެޗަކީ ވެސް ގްރޫޕް ބީގެ ދެމެޗެވެ.