01 Jan 2020, 13:03
އދ. (ޖެނުއަރީ 1): މިއަދު އާ އަހަރަކަށް މަރުހަބާ ކިޔާ އިރު، ދުނިޔޭގެ އެކި ގައުމުތަކުގައި 392،000އަށް ވުރެ ގިނަ ކުދިން އުފަންވާނެ ކަމަށް ޔުނިސެފުން ބުނެފި އެވެ.
ޔުނިސެފުން ލަފާ ކުރާ ގޮތުގައި މިއަދު އުފަންވާ ކުދިންގެ ތެރެއިން 67,385 ކުދިން އުފަންވާނީ ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑިއާގަ އެވެ. އަދި އާބާދީ އެންމެ ބޮޑު ގައުމު ކަމަށްވާ ޗައިނާގައި 46,299 ކުދިން އުފަންވާނެ އެވެ.
ޔުނިސެފުން ބުނާ ގޮތުގައި މިއަދު އުފަންވާ ކުދިންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކުދިން އުފަންވާނީ އަށް ގައުމެއްގަ އެވެ. އެއީ އިންޑިއާ އާއި ޗައިނާގެ އިތުރުން، ނައިޖީރިއާ، ޕާކިސްތާން، އިންޑޮނޭޝިއާ، އެމެރިކާ، ކޮންގޯ އަދި އިތިއޯޕިއާގަ އެވެ.
މިއަހަރުގެ ފުރަތަމަ ދުވަހާ އަޅާ ބަލާ އިރު މިދިޔަ އަހަރުގެ ފުރަތަމަ ދުވަހު 395,072 ކުދިން އުފަންވި ކަމަށް ޔުނިސެފުން ބުނެ އެވެ. އެ ދުވަހުވެސް އެންމެ ގިނަ ކުދިން އުފަންވީ އިންޑިއާގަ އެވެ.
އެ ރިޕޯޓާއެކު ޔުނިސެފުން ވަނީ މައިންނާއި އަލަށް އުފަންވާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި އަޅާލުން ދިނުމަށްޓަކައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ބޭނުންވާ ތަމްރީނާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލާފަ އެވެ. އަދި 2018 ވަނަ އަހަރު އުފަންވި ކުދިންގެ ތެރެއިން 2.5 މިލިއަން ކުއްޖަކު ފުރަތަމަ މަސް ތެރޭ މަރުވެފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ކުދިން މަރުވީ، ރަނގަޅު ފަރުވާ ދެވިއްޖެ ނަމަ ހުއްޓުވިދާނެ މައްސަލަތަކާ ހެދިކަން ފާހަގަކޮށްފަ އެވެ.