ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާނެ ކަމަށް، މިހާރު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވެސް ވިދާޅުވެއްޖެ އެވެ.

އާ އަހަރުގެ ތަހުނިޔާ ފޮނުވަމުން ޝަމާއު ރޭ ވިދާޅުވީ އެއީ އެމްޑީޕީގެ އިސްވެރިންގެ އިތުރުން އާންމުންނާ ވެސް ވާހަކަދައްކަވައި، އެފަރާތްތަކުގެ މަޝްވަރާއާ އެކު މާލޭ މޭޔަރު ކަމަށް ވާދަކުރަން ނިންމަވާފައިވާ ކަމަށެވެ.

އެމްޑީޕީގެ އާންމު މެމްބަރުންނާއި އާންމު ރައްޔިތުންނަށް އިތުބާރު އެބަ އޮތް ކަމަށާއި އެހެންކަމުން މި ނިންމުމާ މެދު ފަހުން ހިތާމަ ނުކުރައްވާނެކަން ޔަގީންވާ ކަމަށް ޝަމާއު ވިދާޅުވިއެވެ.

އަދި އެމްޑީޕީގެ އުސޫލުތައް ކުރިއެރުވުމަށް 13 އަހަރު ވަންދެން ކޮށްފައިވާ މަސައްކަތްތައް ރައްޔިތުން ރަނގަޅަށް މިންކުރާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށް ވެސް ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވަނީ ލޯކަލް ގަވަނެންސްގައި ހަ އަހަރު ހޭދަކުރައްވައިފައެވެ. އެހެންކަމުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު ލާމަރުކަޒީ ނިޒާމަށް ބޮޑު ބަދަލެއް އަންނައިރު، ޝަމާއުގެ އިލްމާއި، ތަޖުރިބާ މުހިންމު ވާނެ ކަމަށެވެ.

ޝަމާއު ވަނީ ރައްޔިތުން ފަހުރުވެރިވާނެ ފަދަ ލާމަރުކަޒީ ނިޒާމެއް ހިންގޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ޝަމާއު ވިދާޅުވީ މާލެއަކީ ރައްޔިތުން ކަމަށާއި އެހެންކަމުން މާލެ އަކީ އަލުން ފެހި އަދި ހިތްފަސޭހަ ތަނަކަށް ހަދާނީ އެންމެހާ ރައްޔިތުން އެކުގައި ކަމަށެވެ.

ޝަމާއުގެ އިތުރުން މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި ކައުންސިލަރު އަހްމަދު ނިޔާޒް ވެސް ވަނީ މޭޔަރު ކަމަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވައިފައެވެ.

އޭގެ އިތުރުން އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް އާއި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އަދި ނިމިގެން ދިޔަ ސަރުކާރުގެ ހައުސިން މިިނިސްޓަރު އަދި ޑރ. މުހައްމަދު މުއިއްޒު ވެސް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާނެކަން ވަނީ ހާމަކުރައްވައިފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް 19 މެމްބަރުން އިންތިހާބުކުރާނެއެވެ.