ކޯސްޓްގާޑުގެ ގިނަ އުޅަނދުތައް ހަލާކުވެފައިވާތީ މަރާމާތުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ކޯސްޓްގާޑްގެ ހިދުމަތަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްވި ވީޑިއޯ މެެސެޖުގައި މާރިޔާ ވިދާޅުވީ އާ ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ވެސް ކޯސްޓްގާޑުގެ ވަރަށް ގިނަ އުޅަނދުތައް ހަލާލުވެފައިވާ ކަމަށެވެ. އަދި އެ އުޅަނދުތައް މަރާމާތު ކުރުމަށް ޓަކައި މި އަހަރުގެ ބަޖެޓުގައި ފައިސާ ކަނޑައަޅާފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"ކޯސްޓްގާޑުގެ އުޅަނދުތައް މަރާމާތުކޮށް އަދި ކޯސްޓްގާޑްގެ ހިދުމަތްތައް ފުޅާކުރުމަށް ޓަކައި ބުރަ މަސައްކަތްތަކެއް މި އަހަރު ވެސް ކުރެވެމުންދާނެ،" މާރިޔާ ވިދާޅުވި އެވެ.

ކަނޑަށް ނުކުތުމުގައި ވިސްނާލުމަށް ދިވެހިންނަށް މާރިޔާ ވަނީ އިލްތިމާސްކުރައްވައިފަ އެވެ. އަދި ކަނޑު ގަދަވާނީ ކޮން ގަޑިއަކުކަމެއް ސީދާ ބުނަން ނޭނގޭ އިރު ކަނޑަށް ނުކުންނަ އިރު ސަލާމަތްތަތެރި ކަމަށް ވިސްނަން ޖެހޭނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

ދާދި ފަހުން ތިން ކުޑަކުދިންނާ އެކު އދ. މާމިގިލިން މީހަކު ޑިންގީއެއްގައި މާކަނޑަށް ނުކުމެ އުޅެނިކޮށް ގެއްލުމުގެ ހާދިސާއެއް ވެސް ވަނީ ހިނގައިފަ އެވެ. ނަމަވެސް ފަހުން އެ ޑިންގީ ވަނީ ފެނިފަ އެވެ. އޭގައި ތިބި މީހުންނަށް ނަސީބަކުން ކަމެއްވެސް ނުވެ އެވެ.

މާރިޔާ ވިދާޅުވީ ކޮންމެ ކުޑަކުއްޖަކީ ވެސް ރައުސުލްމާލެއް ކަމަށާއި އެހެންކަމުން ކުޑަ ކުދިންނަށް ދެރަގޮތެއްވާތަން ދެކެން ބޭނުންނުވާ ކަމަށެވެ.