އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޯނުން ގުޅުއްވައި އާ އަހަރުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ އިން ބުނީ ރައީސް ސޯލިހާ ފޯނުންގުޅުއްވައި ދިވެހި ރައްޔިތުންނަށް އާ އަހަރުގެ ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް ބޮޑުވަޒީރު މޯދީ އެދިވަޑައިގަތް ކަމަށެވެ.

ރާއްޖެ އާއި އިންޑިއާ އާ އޮންނަ ގުޅުން ރައީސް ސޯލިހުގެ ވެރިކަމުގައި ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. ބޮޑުވަޒީރު މޯދީ ވަނީ މި ހުސްވި އަހަރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ.

އެ ދަތުރުފުޅުގައި ރާއްޖެއަށް މާލީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިކަން ދިނުމުގެ އެއްބަސްވުންތަކުގައި ދެ ގައުމުގެ ދެމެދުގައި ވަނީ ސޮއިކޮށްފަ އެވެ.

އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީ އެތައް ގުނައަކުން އިތުރުކޮށްފައިވާ އިރު ދެގައުމުގެ ރައްޔިތުންގެ ދެމެދު އޮންނަ ގުޅުމަކީ ޒަމާނުއްސުރެ ބަދަހި ގުޅުމެކެވެ.