01 Jan 2020, 11:50
ރާއްޖޭގެ ސްކޫލުތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުން ހޯދުމުގެ ކަންކަން ކުރުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ބިދޭސީ ޓީޗަރުން ރެކްރޫޓުކުރަން އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ ގްލޯބަލް ޕްލޭސްމަންޓްސް ކިޔާ އިންޑިއާގެ އަމިއްލަ ކުންފުންޏަކާ އެވެ.
އެ ކުންފުންޏާ އެކު މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ކިހާވަރަކަށް ކަމެއް އެޑިޔުކޭޝަނަކުން ނުބުނެ އެވެ.
ބިދޭސީ ޓީޗަރުން ރެކްރޫޓު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އެޑިއުކޭޝަނުން ކުރި އިއުލާނަށް ޝައުގުވެރިކަން ފާޅުކޮށް ފަސް ކުންފުންޏަކުން ބިޑް ހުށަހެޅި އެވެ. އެއީ އިންޑިއާގެ ތިން ކުންފުނީގެ އިތުރުން ދިވެހި ދެ ކުންފުންޏެވެ.
ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމަށް މީގެކުރިން ކުރިމަތިލެވެނީ ހަމައެކަނި ރާއްޖޭގެ ރެކްރޫޓިން އެޖެންސީތަކަށެވެ. ނަމަވެސް އުސޫލަށް ގެނައި ބަދަލަކާ އެކު މިހާރު އެހެން ގައުމުތަކުގެ އޭޖެންސީތަކަށް ވެސް ކުރިމަތިލެވޭ ގޮތް ވަނީ ހަދައިފަ އެވެ.
ނިމިގެން ދިޔަ ދިރާސީ އަހަރު 1890 ބިދޭސީ ޓީޗަރުން ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވާއިރު، މި އަހަރަށް 315 ބިދޭސީ ޓީޗަރުން ހޯދަން ސްކޫލްތަކުން އެދިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.