އަންހެނުންނާއި ކުޑަކުދިންނަށް ދިމާވާ މައްސަލަތަކާބެހޭ ކޮމެޓީއެއް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ ތެރެއަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި އިސްލާހް މަޖިލީހުން ފާހެއްނުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ގަވާއިދަށް މި އިސްލާހު ގެނެސް އެ ކޮމިޓީ އުފެއްދުމަށް ފެނޭތޯ ބަލަން ވޯޓަށް އެހުމުން ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން އެ ކޮމެޓީ އުފެއްދުމަށް ވޯޓު ދެއްވީ، 26 މެންބަރުންނެވެ. ކޮމިޓީ އުފައްދަން ނުފެންނަ ކަމަށް 29 މެންބަރުން ވޯޓު ދެއްވި އެވެ. އެކޮމިޓީ އުފެއްދުމަށް ފާސް ކުރަން ބޭނުންވަނީ 28 ވޯޓެވެ.

އަންހެނުންނާއި ކުޑަކުދިންނާ ބެހޭ ދާއިމީ ކޮމެޓީއެއް އުފެއްދުމާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވީ ގާނޫނު އަސާސީން ހުރިހާ ހައްގުތައް ހަމަހަމަކަމާއެކު ލިބިދޭގޮތަށް ކަނޑައަޅާފައި ވަނިކޮށް، ވަކި ބަޔަކަށް ހާއްސަ ކޮށްގެން ކޮމިޓީއެއް އުފެއްދުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އަދި މަޖިލީހުގައި ކޮމިޓީތައް އުފައްދަންޖެހޭނީ ސަރުކާރުގެ މުއައްސަސާތަކަށް ބަލައިގެން ކަމަށްވާއިރު އަންހެނުންނާއި ކުޑަކުރިންނަށް ވަކި ހާއްސަ ވުޒާރާއެއް ސަރުކާރުގައި ނެތް ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ހުރި ކޮމިޓީތަކުގެ މަސައްކަތްތައް ވެސް ރަނގަޅަށް ކުރިއަށް ނުގެންދެވޭއިރު، އިތުރު ކޮމިޓީއެއް އުފެއްދުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން މަޖިލީހުގެ ކޯރަމް ހަމަ ކުރުމަށް އިތުރު މައްސަލަތައް ދިމާވާނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންނަށް ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމަށް މަސައްކަތްކުރާ ކޮމިޓީއެއް މަޖިލީހުގައި އޮތުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ. އަދި މި އިސްލާހު ބޭރު ކޮށްލިއަސް އެ ކޮމިޓީ އުފެދެންދެން އިސްލާހު މަޖިލީހަށް ހުށަހަޅުއްވަމުން ގެންދަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވި އެވެ.