ޓޮމް ހޮލެންޑް ލީޑް ރޯލުން ފެނިގެންދާ "އަންޗާޓެޑް" ފިލްމުގެ އިތުރު ޑައިރެކްޓަރެއް ފިލްމު ޕްރޮޑަކްޝަންގެ ތެރެއިން މަސައްކަތް ދޫކޮށް ޓީމުން ވަކިވައްޖެ އެވެ.

މަޝްހޫރު ގޭމް ފްރެންޗައިޒް އެއް ކަމަށްވާ "އަންޗާޓެޑް" ސީރީޒް އަސްލަށް ނަގައިގެން ތައްޔާރު ކުރާ ފިލްމު ޕްރޮޑަކްޝަން ޓީމުގެ ޑައިރެކްޓަރެއް ވަނީ މީގެކުރީން ވެސް އެ ޓީމާ ވަކިވެފަ އެވެ.

ޕްރޮޑަކްޝަން ޓީމުން ބުނެފައި ވަނީ އެ ޓީމުގައި ހިމެނޭ އިތުރު ޑައިރެކްޓަރެއް ކަމަށްވާ ޓްރެވިސް ނައިޓްލީ ވަނީ ދާދި ފަހުން އެ ޓީމުން ވަކިވެފައި ކަމަށެވެ. ނައިޓްލީ ޓީމާ ގުޅުނީ ކުރީގެ ޑައިރެކްޓަރު ޓީމުން ވަކިވުމުންނެވެ.

އެ ޓީމުން ބުނި ގޮތުގައި ނައިޓްލީ ޓީމުން ވަކިވީ ޝޫޓިންގެ ޝެޑިއުލްތަކުގައި ގިނަ މައްސަލަތަކެއް އުޅުމާ ގުޅިގެންނެވެ. ނައިޓްލީއަކީ ޓްރާންސްފޯމާސްގެ ސްޕިން އޮފް ފިލްމު "ބަމްބްލް ބީ"ގެ ޑައިރެކްޓަރެވެ.

ފިލްމުގެ ލީޑުން ފެނިގެންދާ ޓޮމް ހޮލެންޑް ކުޅޭނީ ނޭތަން ޑްރޭކްގެ ރޯލުންނެވެ. ލީޑް ރޯލަށް ޓޮމް ހަމަޖެއްސި ނަމަވެސް އޭނާ ބޮޑަށް އިސްކަން ދެނީ މާވެލްގެ ސްޕައިޑާ މޭން އަށް ކަމަށް މައުލޫމާތު ލިބެ އެވެ.

ސްޕައިޑާ މޭންގެ ޝޫޓިން މި އަހަރުގެ މެދުތެރޭގައި ފަށާއިރު ޓޮމް ބޮޑަށް ބަލަނީ އެ ފިލްމަށް ކަމަށް ބައެއް ފަރާތުން ބުނެ އެވެ. އެހެންކަމުން ޝެޑިއުލް ކުރުމުގައި މައްސަލަތައް ދިމާވަމުންދާ ކަމަށް ޕްރޮޑަކްޝަނުން އިޝާރާތްކޮށްފައިވެ އެވެ.

އަންޗާޓެޑް އަށް އަނެއްކާ ޑައިރެކްޓަރެއް ހޯދަން ޖެހިފައިވުމުން ޕްރޮޑަކްޝަންގެ މަސައްކަތް އިތުރަށް ލަސްވެގެންދާނެ އެވެ. ކުރީން އެ ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު 18ގަ އެވެ.