ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެދަށުން އައްޑޫ ސިޓީ ހުޅުދޫ އާއި ހިތަދޫގައި އަޅާފައިވާ ބައެއް ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އެގޮތުން ހުޅުދޫ އިން ނުވަ ފްލެޓެއް ދޫކުރުމަށް ނިންމާފައިވާ އިރު ހިތަދޫ އިން ދޫކުރަނީ 32 ފްލެޓެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ހުޅުދޫ އިން ހުޅުވާލާފައި ވަނީ، އިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން ކެޓަގަރީ Cގައި ހިމެނޭ ނު ފްލެޓަށް ކަމަށެވެ. އަދި ހިތަދޫގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން ކެޓަގަރީ Dގައި ހިމެނޭ 32 ފްލެޓަށް އެދުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ހުޅުދޫގެ ނުވަ ފްލެޓަށް ކުރިމަތިލެވޭނީ ހުޅުދޫ އާއި މީދޫ ގެ ރަށްޔިތުންނަށް ކަމަށެވެ. އަދި އެއީ ދިގުމުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ޙަލާސްކުރާގޮތަށް، ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އައްޑޫ ސިޓީގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްގެ ތެރެއިން އަޅާފައިވާ ފްލެޓްތަކެއް: ހިތަދޫ އާއި ހުޅުދޫގެ ބައެއް ފްލެޓަށް އެދުމަށް ވަނީ ހުޅުވާލައިފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހިތަދޫއިން ދޫކުރާ ފްލެޓަށް ކުރިމަތިލެވޭނީ އެ ރަށުގެ ރައްޔިތުންނާއި ހިތަދޫއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަވަށުގެ ރަށްޔިތުންނަށެވެ. އެއީ ވެސް ދިގުމުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ޙަލާސްކުރާގޮތަށް، ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކެއް ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

އެހެން ކަމުން ފްލެޓަށް އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކޮށް، ފޯމާ އެކު ހުށަހަޅަންޖެހޭ ލިޔެކިއުންތަކާ އެކު، މި މަހުގެ 16 ވަނަ ދުވަހުގެ 14:00ގެ ކުރިން އައްޑޫ ސިޓީ ކައުންސިލަށް ހުށަހެޅުއްވުން ވަނީ އެދިފަ އެވެ.

ފްލެޓަށް އެދޭ ފޯމު ސިޓީ ކައުންސިލް އިދާރާ އިންނާއި އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.