މެނޭޖްމަންޓަށް ފާޑުކިޔާ ފޭސްބުކް ޕޭޖެއް ހިންގުމަށް އެހީވާ ކަމުގެ ތުހުމަތުގައި ހދ. އަތޮޅު ހޮނޑާފުށި ރިސޯޓްގެ ވަޒީފާއިން ވަކިކުރި، މުވައްޒަފަށް ތިން މަސް ދުވަހުގެ މުސާރަ ދެއްވަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނިންމަވައިފި އެވެ.

ތްރީއޭ ކުންފުނިން ހިންގާ ހޮޑާފުށި ރިސޯޓްގެ ސެކިއުރިޓީއެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ތ. ގުރައިދޫ އަހުމަދު ޝިމްހާޒް ވަޒީފާއިން ވަކިކުރި ސަބަބެއް ކަމަށް އޭނާ ބުނަނީ އެ ރިސޯޓްގެ ސާވިސް ޗާޖްގެ މައުލޫމާތު "ރިސޯޓް ބޯއީޒް މޯލްޑިވްސް" ކިޔާ ފޭސްބުކް ޕޭޖަކަށް ދިން ކަމުގެ ތުހުމަތުގައި ކަމަށެވެ.

މި އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް މިއަދު ހެނދުނު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވިދާޅުވީ، އިއްޔެގެ ވަގުތެއްގައި ޝިމްހާޒްއާ ބައްދަލުކޮށް އޭނާގެ ޝަކުވާތައް އަޑުއަހާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ޝިމްހާޒް ބުނާ ގޮތުގައި އޭނާގެ މުސާރައަކީ 4،000 ރުފިޔާ އެވެ. އެހެން ނަމަވެސް އޭނާ ރިސޯޓުން ވަކިކުރީ 5001 ރުފިޔާ ދީފާ ކަމަށް ޝިމްހާޒް ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވަޒީފާއިން ވަކިކުރުމަށް ފަހު، ވަޒީފާގައި އުޅުނު ކަމުގެ ލިޔުން ނުދިނުމާއި ރިސޯޓުން ފޭބުމަށް އޭނާއަށް އެކަށީގެންވާ ވަގުތު ނުދޭ ކަމަށް އޭނާ ފާހަގަކުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން، އެ ހުރިހާ ޝަކުވާތަކެއް ހުރުމުން، މިނިސްޓަރުގެ އަމިއްލަ ހައިސިއްޔަތުން ނަމަވެސް، ޝިމްހާޒްއަށް ތިން މަހުގެ މުސާރަ ދޭން ނިންމަވާފައިވާ ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ. މީގެ އިތުރުން، އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ މުޅިން ސާފުވާނީ ކަމާ ގުޅޭ މުއައްސަސާތަކުން އެކަން ބެލުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިނިސްޓަރުގެ ހައިސިއްޔަތުން އެ މައްސަލަތައް ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހަޅަން ޝިމްހާޒަށް ހިތްވަރު ދެއްވާފައި ކަމަށް ވެސް ވިދާޅުވި އެވެ.

"އެބޭފުޅާގެ ހުރިހާ ވާހަކަތަކެއް އަޅުގަނޑު ވާނީ [އިއްޔެ ބައްދަލުވުމުގައި] އަޑުއަހާފައި. މާލޭގައި ހުރެގެން އެބޭފުޅާ ބޭނުންވަނީ ވަޒީފާޔާ ބެހޭ ޓްރައިބިއުނަލަށާއި ތަންތަނަށް މައްސަލަ ހުށަހަޅަން. ދެން އަޅުގަނޑު އެކަމުގައިވެސް އޮންނާނީ ޕާޒަނަލީވެސް އެހީތެރިކަން ދޭނަމޭ ބުނެފައި،" މިނިސްޓަރު އަލީ ވިދާޅުވި އެވެ. "އޭނާ ވިދާޅުވީ އޭނާއަށް [ޝިމްހާޒަށް] ލިބުނީ 5،001 ރުފިޔާ ކަމަށް. އޭނާގެ މަންތްލީ މުސާރައެއް ކަމަށް ވިދާޅުވަނީ 4،000 ރުފިޔާ. ދެން އަޅުގަނޑު ޕާޒަނަލީ އޭނާއަށް ޔަގީންކަން ދީފައި އޮންނާނީ އޭނާގެ ތިން މަހުގެ މުސާރައަށްވާ ވަރަށް ލާރި އަޅުގަނޑުމެން ޕާޒަނަލީ އޭނާއަށް ދޭނަމޭ،"

ހޮނޑާފުށި ރިސޯޓް ވަކިކުރި ޝިމްހާޒް -- ފޮޓޯ/ ރިސޯޓް ބޯއީޒް ފޭސްބުކް ޕޭޖް

މިނިސްޓަރު ވިދާޅުވީ އެގޮތަށް ނިންމެވީ ޝިމްހާޒު ވަޒީފާއިން ވަކިކުރަން މެދުވެރިވި ސަބަބަކީ، މިދިޔަ ހަފްތާ މިނިސްޓްރީގައި ބޭއްވި ޕްރެސްކޮންފަރެންސެއްގައި ދެންނެވުނު ވާހަކަތަކެއްގެ ސަބަބުން އެރި އޮޅުންތަކެއްގައި ޝޯޝަލް މީޑިއާގައި ހިނގި ކަންތައްތަކަކަށް ވުމެވެ.

މިނިސްޓަރަށް ދެންނެވުނު ބަހެއްގެ ސަބަބުން، އޭގެ އަގު ދައްކަން ޖެހޭ ބަޔަކީ ރިސޯޓްތަކުގައި މަސައްކަތް ކުރާ އާންމު މުވައްޒަފުންނަށް ވެގެން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް މިނިސްޓަރު އަލީ ވިދާޅުވި އެވެ.

"ކޮންމެ ސަރުކާރަކީ ހަރުކަށިކަން ދައްކާނެ، ނުވަތަ އަނިޔާވެރިކަން ދައްކާނެ ބާރުގެ ބޭނުން ކުރާނެ ނުވަތަ އެގޮތަށް އޮންނެ ސަރުކާރެއް ނޫން. މީޑިއާގައި އެ ދިޔަ ކަންތައްތަކާ އެކު އޭގެ ކޮސްޓް [އަގު] އެކަހަލަ މުވައްޒަފެއް ދައްކަން ޖެހޭނެ ކަމަށް އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން ގަބޫލެއް ނުކުރަން،" ތިން މަހުގެ މުސާރަ ޝިމްހާޒަށް ދޭން ނިންމެވި ސަބަބު ސާފުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަދި ވިދާޅުވީ މިކަހަލަ މައްސަލަތަކުގައި ވަޒީފާއިން ވަކިކުރާ ފަރާތްތައް މަގުމަތި ވުމަކީ ގަބޫލު ކުރައްވާ ގޮތެއް ނޫން ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރި، ޝިމްހާޒް ހުރީ އޭނާއާ މެދު ސަރުކާރާއި އާންމުން ދެކޭނެ ގޮތަކާއި "ދެން ވާނެ ގޮތަކާ މެދު" ކަންބޮޑުވެފައި ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން އެއްގޮތަކަށް ވެސް ކަންބޮޑުނުވާން،" މިނިސްޓަރު ވިދާޅުވި އެވެ.

ޝިމްހާޒް ވަޒީފާއިން ވަކިކުރި، ހޮނޑާފުށި ރިސޯޓްގެ ކަންކަން ރަނގަޅު ކުރަން ޖެހޭކަން މިނިސްޓްރީއިން މިދިޔަ އަހަރު ހެދި އިންސްޕެކްޝަންގައި ފާހަގަވެފައިވާ ކަމަށް ވެެސް މިނިސްޓަރު އަލީ ވިދާޅުވި އެވެ. އަދި އެ ރިސޯޓާ ބައްދަލުކޮށް އެކަންކަން ހައްލު ކުރަން މަޝްވަރާ ކުރަން ވެސް މިނިސްޓްރީއިން ނިންމާފައި އޮތް ކަމަށް ވެސް ވިދާޅުވި އެވެ.