މިރޭ މެންދަމު 12 ގެ ފަހުން ސިޓީގެ ދަރަޖަ ލިބޭ ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިންތިހާބު ކުރާނީ ހަ ދާއިރާއަކަށް ހަ ސިޓީ ކައުންސިލަރުން ކަމަށާއި އެ އޭގެ ތެރެއިން ދެ ދާއިރާ އަންހެނުންނަށް ހާއްސަ ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މިއަދު ވަނީ ލާމަރުކަޒީ ގާނޫނުގައި އޮންނަ އުސޫލުން ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް ނިންމެވިކަން އިއުލާން ކުރައްވާފައެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އެ ނިންމުމާއެކު ސިޓީ ކައުންސިލްގެ މޭޔަރުގެ އިތުރުން ހަ ދާއިރާއަކަށް ބަހާލައިގެން ކޮންމެ ދާއިރާއަކުން ސިޓީ ކައުންސިލަރަކު އިންތިޚާބު ކުރެވޭނެ ކަމަށެވެ.

"ހަ ދާއިރާގެ ތެރެއިން ދެ ދާއިރާ ގުރުއަތުން ނަގައި އަންހެނުން މެމްބަރުންނަށް ރިޒާވްޑް ސީޓްސް ކަމުގައި ހަމަޖެހޭނެ،" ޝަރީފު ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު، ކައުންސިލްތަކުގެ 33 ޕަސަންތް އަންހެނުންނަށް ހާއްސަ ކުރަން ޖެހެއެވެ. އަދި އާބާދީ 3،000 އަށް ވުރެ މަތީގެ ރަށްތަކަށް ހަތް ކައުންސިލަރުން ހޮަވަން ޖެހެއެވެ. ކުޅުދުއްފުށީ ކައުންސިލްގައި މިހާރު ތިއްބަވަނީ ފަސް ކައުންސިލަރުންނެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރުމަކީ މިސަރުކާރުގެ ވައުދެކެވެ.

ގާނޫނުގައިވާ ގޮތުން އާބާދީގައި 10،000 މީހުން އުޅޭނަމަ އެރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނެއެވެ. ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އަރާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ސިޓީގެ ދަރަހަ ކުޅުއްދުއްފުއްޓަށް ލިބުމާއެކު ހދ. އަތޮޅު ވެރިކަން ކުރާރަށް ބަދަލުވާނެ އެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަމެއް އަދި ނޭނގެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަސް ހަމަޖެހިފައިވަނީ، އަންނަ އެޕްރީލު މަހު ހަތަރު ވަނަ ދުވަހުއެވެ. މިހާރު ސިޔާސީ ބައެއް ޕާޓީތަކުން ވަނީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައެވެ.