ސަރުކާރުން އެއްބަސްވުންތައް ބާތިލުކޮށްގެން އެކި ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލުތައް ދެމުން އަންނައިރު، ގުޅީފަޅުން 2010 ވަނަ އަހަރު ފެލެޓު ގަނެ، ބޯހިޔާވަހިކަން ނުލިބޭ ފަރާތްތަކަށް ސަރުކާރުން އަދިވެސް ބަދަލު ނުދެނީ ކީއްވެގެން ތޯ ފުލެޓުތަކުގެ ވެރިން ސުވާލު އުފައްދައިފި އެވެ.

މިކަމާ ގުޅޭ ކަންބޮޑުވުންތައް ފާޅު ކުރުމަށް މިއަދު އުނިމާ ގްރޭންޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގުޅީފަޅުން ފުލެޓް ގަތް މީހުންގެ ފަރާތުން ވާހަކަ ދެއްކި މުހައްމަދު މޫސާ ބުނީ، ގެއްލުމުގެ ބަދަލު އެކި ކުންފުނިތަކަށް ދެމުން އަންނައިރު ވެސް، 10 އަހަރު ވާން ކައިރިވެފައިވާ ގުޅީފަޅުގެ މައްސަލައިގައި ފުލެޓު ގަތް މީހުންނަށް ސަރުކާރުން ބަދަލު ދޭން އުޅޭކަމުގެ އެއްވެސް ކުރިމަގެއް ނުފެންނަ ކަމަށެވެ.

"މި މައްސަލައިގައި ކުރިމަގެއް ނުފެނޭ. އެކަމާ ހެދީ ނިކަމެތި ބަޔަކު މަގުމަތިވެގެން މި އުޅެނީ. އެހެން ނަމަވެސް މީގެ ތެރޭގައި އަޅުގަނޑުމެން ހައިރާންވާން ޖެހޭ ދީބާޖާ ބަޔަކަށް ވެސް އަދި އެކިއެކި ނަންނަމުގައި ހުންނަ ވަރަށް ގިނަ ފަރާތްތަކަކަށް ބަދަލުތަކެއް ލިބެމުން އަންނަ ޚަބަރު ފެތުރޭތީ." މުހައްމަދު ބުންޏެވެ.

މުހައްމަދު ބުނީ މި މައްސަލާގައި މިދިޔަ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު ފުލެޓު ގަތް މީހުން ތަމްސީލު ކުރާ ހަތަރު މީހަކު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާ ވެސް ބައްދަލުކުރި ކަމަށެވެ.

"އަޅުގަނޑުމެން ޑިމާންޑު ކުރި ކަންތައްތަކެއް ވެސް ވާނެ، އެކަންކަމުގެ ތެރޭގައި ބަދަލުގެ ގޮތުގައި އަޅުގަނޑުމެންނަށް ދޭން. އެ ދުވަހު ރައީސް ޞާލިހާއެކު އެއް ގަޑިއިރާ 30 މިނެޓުގެ ބައްދަލުވުމެއް ބޭއްވުނު. އަޅުގަނޑުމެން ވަރަށް އުފާވާ ފަދަ މެސެޖުތަކެއް އެމަނިކުފާނު ދެއްވީ." މުހައްމަދު ބުންޏެވެެ.

ފުލެޓު ގަތް ފަރާތްތަކުން އެދުނު ކަންކަން ވެސް މުހައްމަދުގެ ވާހަކައިގައި ޚުލާސާކޮށްދީފައިވެ އެވެ. އެގޮތުން އެންމެ ފުރަތަމަ އެދުނީ އެމީހުންގެ ފައިސާއިން ގުޅީފަޅުގައި ތަރައްޤީކުރި ފުލެޓުތައް ދިނުމަށެވެ.

ނަމަވެސް އެއީ ވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވުމުން ދެން އެދުނީ ހުޅުމާލޭން ބިމެއް ނުވަތަ ރޯހައުސްއެއް ދިނުމަށެވެ. އެކަން ނުވާނަމަ ތިންވަނަ ޑިމާންޑަކީ މަދުވެގެން ތިން ކޮޓަރީގެ ލަގްޒަރީ އެޕާޓްމަންޓެއް ދިނުމަށެވެ.

އެ އެޕާޓްމަންޓް ހޯދަން އެދުނީ ގުޅީފަޅުން ފުލެޓު ގަތުމަށް ކުރި އިންވެސްޓްމަންޓަށް ވުރެ އެޕާޓްމަންޓްގެ އަގު ބޮޑުވާނަމަ އިތުރަށް ދައްކަން ޖެހޭ ފައިސާ ދައްކާ ގޮތަށެވެ.

މުހައްމަދު ބުނީ ޝަކުވާތައް އަޑުއެއްސެވުމަށްފަހު ތިން ހަފުތާގެ ތެރޭގައި ވަރަށް އެދެވޭ ޖަވާބެއް ދެއްވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި ކަމަށާއި ނަމަވެސް 10 ހަފުތާ ވެގެންދިޔައިރު އަދިވެސް އެމަނިކުފާނުގެ ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

މުހައްމަދު ބުނި ގޮތުގައި ގުޅީފަޅުގައި ފުލެޓު ތަރައްޤީކުރީ ބައެއްގެ އަތުން ފައިސާ ނަގައިގެން، ބަޔަކު ކުރި އިންވެސްޓްމަންޓަކުން ކަމަށެވެ. އެހެންކަމުން އެތަން އަތުލުމަށްފަހު ބަދަލު ނުދޭ ސަބަބެއް ނޭނގޭ ކަމަށް މުހައްމަދު ފާހަގަކުރި އެވެ.

ގުޅީފަޅު މަޝްރޫޢުގެ ދަށުން ގާތްގަނޑަކަށް 158 މީހުން ފުލެޓު ގަނެފައިވާއިރު، މުހައްމަދު ބުނީ އޭގެ ތެރެއިން 18 ވަރަކަށް މީހުންނަށް މިދިޔަ ވެރިކަމުގައި ހުޅުމާލޭން ފުލެޓު ދީފައިވާ ކަމަށެވެ. ނަމަވެސް ބާކީ 140 މީހުން ތިބީ ހާލުގައި ޖެހިފައި ކަމަށް ބުންޏެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މީހުން ދިރިއުޅުމަށް ގުޅީފަޅު ހިއްކީ 2010 ވަނަ އަހަރުގަ އެވެ.