31 Dec 2019, 19:27
ފުލުހުންގެ އޮޕަރޭޝަނަކަށް "ނިމޭ 19" ކިޔާތީ، "އެޖެންޑާ 19" ކެމްޕޭނަށް ރައްދުވާ ކަމަށް ބުނެ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއިން އެކަން އިސްލާހު ކުރަން ފުލުހުންގެ ކިބައިން އެދެފި އެވެ.
"ނިމޭ 19" ކިޔާ ކަމަށް އަޑުފެތުރިފައި ވަނީ، އާ އަހަރާ ދިމާކޮށް މި މަހުގެ 23 އިން އަންނަ މަހުގެ ހަތަރަކާ ހަމައަށް މާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ ހާއްސާ އޮޕަރޭޝަނަކަށެވެ. އެހެން ނަމަވެސް، ފުލުހުން މިއަދުވެސް ބުނެފައި ވަނީ އެ އޮޕަރޭޝަނަށް ކިޔަނީ "ރިވެލި" ކަމަށެވެ.
ނިމިގެން ދިޔަ މަޖިލިސް އިންތިހާބާ ދިމާކޮށް އެމްޑީޕީން ފެށި ކެމްޕޭންގައި ބޭނުންކުރި ސްލޯގަން އަކީ "އެޖެންޑާ 19" އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ސޮއި ކުރައްވައި މިއަދު ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީއެއްގައި ބުނީ "އެޖެންޑާ 19" ސްލޯގަންއަކީ އެ ޕާޓީގެ ފިކުރީ މުދަލެއް ކަމަށާއި އެ ސްލޯގަން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައި އެނަމާއި އެނަމުގެ ލޯގޯ ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ނަމާއި ލޯގާއަކީ މިހާރު ވަކިކަމެއް ރަމްޒުކޮށްދޭ މަފްހޫމްއެއް ކަމަށް ވެސް އެމްޑީޕީއިން ބުންޏެވެ.
އެހެންކަމުން ފުލުހުންގެ އޮޕަރޭޝަނަކަށް "ނިމޭ 19" ކިޔުމުން އެމްޑީޕީގެ ސްލޯގަން "އެޖެންޑާ 19" އަށް ވަރަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް ސިޓީގައިވެ އެވެ. އަދި އެނަމާއި ލޯގޯއަކީ ގިނަ ރައްޔިތުންގެ ބުރަ މަސައްކަތުން ލޯބި ހޯދައިފައިވާ ފިކުރީ މުދަލެއް ކަމަށް ދެކޭ ކަމަށް ވެސް އެ ޕާޓީއިން ބުންޏެވެ. އެ ސިޓީގައި ބުނި ގޮތުގައި، އެޖެންޑާ 19 ގުޅިފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއިން ކުރުމަށް ކަނޑައަޅާފައިވާ މަަސައްކަތްތަކަށް ކަމަށްވެފައި، ފުލުހުންގެ އޮޕަރޭޝަނަކަށް "ނިމޭ 19" ކިޔުމުން އެ މަސައްކަތްތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުމުގެ ފުރުސަތު އޮންނާނެކަމަށެވެ.
އެމްްޑީޕީން އިތުރަށް ބުނީ ފުލުހުންގެ އޮޕަރޭޝަނަކަށް "ނިމޭ 19" ކިޔަން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ.
"އަދި "ނިމޭ 19" އަކީ މިޕާޓީގެ "އެޖެންޑާ 19" އަށް ގޮންޖަހާ ފަދަ ގޮތަކަށް ބޭނުންކުރެވޭ ނަމަކަށް ވެފައި، ފުލުހުންގެ އޮޕަރޭޝަނަކަށް އެފަދަ ނަމެއް ކިޔުމުން ފުލުހުންގެ މުވައްސަސާ ސިޔާސީވެފައިވާތަން ރައްޔިތުންނަށް ފެނިގެންދާނެވެސް މެއެވެ." އެމްޑީޕީގެ ސިޓީގައި ވެއެވެ.
އެމްޑީޕީން އިތުރަށް ބުނީ " ނިމޭ 19" ފުލުހުންގެ އޮޕަރޭޝަނަށް ކިޔުމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެ ޕާޓީއިން ކުރާ ކެމްޕޭނަށް އަސަރުކުރާނެ ކަމަށް ވެސް ދެކޭ ކަމަށެވެ. އަދި އެ ނަން ބޭނުންކުރުން ހުއްޓާލުމަށްވެސް އެ ސިޓީގައި ވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ.