ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވާން ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން އާ ކެމްޕޭންއެއް ފަށައިފި އެވެ.

އައިއޭސީގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ މިއީ ކުރިއަށް އޮތް ފިނި މޫސުމުގައި އިސްލާމީ އެކިގައުމުތަކުގައި އުޅޭ މީހުންނަށް އެހީވާން ފެށި ކޭމްޕޭންއެއް ކަަމަށެވެ.

"ސާވައިވިން ވިންޓާ"ގެ ނަމުގައި ފެށި އެ ކެމްޕޭންގެ ދަށުން ހަތަރު ގައުމަކަށް އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފަިއވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ފަލަސްތީން، ޔަމަން، ސީރިއާ، ބަންގްލަދޭޝް އަދި މިޔަންމާ ހިމެނެއެވެ. އެ ކެމްޕެއިންއިން ލިބޭ ފައިސާއިން ކާބޯތަކެތި، ފޭރާން، ބޯހިޔާވަހިކަން އަދި ގަދަފިނިން ސަލާމަތްވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ކެމްޕޭން މިމަހުގެ 15 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.

ކެމްޕޭންއަށް ފައިސާ ޖަމާކުރަން ބޭނުންވާ ފަރާތްތަކުން އައިއޭސީއިން ބީއެމްއެލްގައި ހުޅުވާފައި ހުރި އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކް ބޭންކްގެ އެކައުންޓް ނަންބަރުތައް މި ހަބަރުގެ ކަވަރު ފޮޓޯގައި ވަނީ ހިމަނައިފަ އެވެ.