އިންޓަމިލާނަކީ އަދިވެސް އިޓާލީ ލީގުގެ ފޭވަރިޓުން ކަމަށް އެ ކުލަބުގެ ކޯޗް ކްލައުޑިއޯ ރަނިއެރީ ބުނެފި އެވެ.

އިންޓަމިލާން އަށް ސީޒަން ފެށުނީ މާ ރަނގަޅު ފެށުމަކުންނެއް ނޫނެވެ. މިސީޒަނުގެ އިޓަލީ ލީގުގައި އެޓީމު ކުޅުނު އެގާރަ މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފަ އެވެ. ލީގުގެ ތިން މެޗަށް ފަހު އިންޓަމިލާނުގެ ކުރީގެ ކޯޗު ޖިއަން ޕިއެރީ ގަސްޕެރިނީ މަގާމުން ވަކިކޮށްފައި ވެސް ވެއެވެ.

"މި ލީގުގެ ފޭވަރިޓުންނަކީ އަދިވެސް އިންޓަމިލާން. މިއީ ވަރުގަދަ ޓީމެއް. މޮޅު ކުޅުންތެރިތަކެއް ހިމެނޭ ޓީމެއް. އަދިވެސް ލީގުގެ އެއްވަނަ އަށް އަރާ ތަށި ހޯދިދާނެ." ރަނިއެރީ ބުންޏެވެ.

މިދިޔަ އާދީއްތަ ދުވަހު އިޓަލީ ލީގުގައި ސިއެނާ އާއި ދެކޮޅަށް ކުޅުނު މެޗުން އިންޓަމިލާން ވަނީ ހަނި ނަތީޖާއަކުން މޮޅުވެފަ އެވެ. އެމެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗު ނިމެން އެއް މިނެޓަށް ވެފައި ވަނިކޮށް އިންޓަ އަށް ކާމިޔާބު ކޮށްދިނީ ލުކް ކަސްޓޭގްނޮސް އެވެ.