31 Dec 2019, 17:01
ތޭރަ އަހަރުގެ ކުޑަ ކުއްޖަކު ވިހެއި މައްސަލައިގައި އެކުއްޖާ "ކައިވެނި" ކުރިކަމަށް ބުނާ ރ. މަޑުއްވަރި، ފެހިއަލި، އިސްމާއީލް ހައްމާދު ޝަރީއަތް ނިމެންދެން ބަންދުކޮށް، ޝަރުތުތަކަކާއެކު އެކުއްޖާގެ މައިންބަފައިން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.
މައްސަލައިގައި ހައްމާދުގެ މައްޗަށް އުފުލާފައި ވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.
ހައްމާދުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
އުމުރުން 13 އަހަރު ކުއްޖާގެ މައިންބަފައިން ހައްޔަރުކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދެމީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފެށީ ކުދިން ބެލުމުގައި އިހުމާލުވި ކަމުގެ ތުހުމަތުގައެވެ.
އެކުއްޖާގެ މައިންބައިންގެ ބަންދުގެ މުއްދަތު މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފައެވެ. ނަމަވެސް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޝަރުތުތަކަކާއެކު ދެމީހުން ދޫކޮށްލައިފައެވެ.
އެ މައްސަލައިގައި ކުއްޖާގެ މަންމައަށް ހަތަރު ދައުވާއެއް އުފުލާފައި ވާއިރު ބައްޕަގެ މައްޗަށް އުފުލާފައި ވަނީ އެއް ދައުވާއެވެ.
ކުއްޖާގެ މަންމަގެ މައްޗަށް އުފުލި ދައުވާތައް:
ގާނޫނުލްއުގޫބާތުގެ 414 ވަނަ މާއްދާގެ (ހ) ގެ ދަށުން މަންމައަކަށް ނުވަތަ ބައްޕައަކަށް ނުވަތަ ބެލެނިވެރިއަކަށް ހުރެ، ކުއްޖާގެ ސިއްހަތަށް ނުވަތަ ރައްކާތެރިކަމަށް ނުވަތަ މަސްލަހަތަށް އެކަށީގެންނުވާ ގޮތެއްގައި އުނިކަން އަތުވެދާނެ ފަދަ ހާލަތެއްގައި، 14 އަހަރަށްވުރެ ދޮށީ މީހަކު ނުބަހައްޓައި 24 ގަޑިއިރަށް ނުވަތަ އެއަށްވުރެ ގިނަ އިރަށް އެއް އަހަރު ނުފުރޭ ކުޑަކުއްޖަކު ދޫކޮށްލުމުގެ ކުށުގެ ދައުވާ
- މަންމައަކަށް ނުވަތަ ބައްޕައަކަށް ނުވަތަ ބެލެނިވެރިއަކަށް ހުރެ، ކުއްޖާއާމެދު ކުށެއް ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ އެކަށީންގެންވާ ފިޔަވަޅު އަޅާފައި ނުވުމުގެ ކުށުގެ ދައުވާ
- ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ
- ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތައް ހުރަސްއެޅުމުގެ ކުށުގެ ދައުވާ
މިއީ މުޅިން ވެސް ޖުނަހްގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މި ދަރަޖައިގެ ކުށަކަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ ހަތަރުމަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.
ކުއްޖާގެ ބައްޕަގެ މައްޗަށް އުފުލާފައި ވަނީ ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތައް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ. މިއީ ވެސް ޖުނަހްގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. .
އުމުރުން 13 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުން "ކައިވެނި"ކޮށް ބަލިވެއިނދެ ވިހޭކަން ހާމަވީ ދީނީ ހަރުކަށި ފިކުރުމުގެ ބައެއްގެ މެދުގައި މިފަހުން ހިނގި ހަމަނުޖެހުމެއްގައި ދޯންޏެއްގެ ތެރޭގައި ޒަހަމްކޮށްލި ޒުވާނާ، އެ ކުއްޖާއާ ކައިވެނިކޮށްގެން އުޅޭ ކަމަށް "ސަން"ގައި ރިޕޯޓުކުރި ކުރުމުން އެވެ.