31 Dec 2019, 16:34
ދާދިފަހުން ކޯޓުން ބޭރުން "ކައިވެނިކޮށް" ބަލިވެ އިން، 13 އަހަރުގެ އަންހެން ކުއްޖާ ވިހެއި މައްސަލައިގައި އެކުއްޖާގެ މައިންބަފައިންގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން އެކުއްޖާގެ ބެލެނިވެރިންގެ ތެރެއިން އެކެއްގެ މައްޗަށް ހަތަރު ދައުވާ އަދި އަނެކެއްގެ މައްޗަށް އެއް ދައުވާއެއް އުފުލައި، މިއަދު ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ކުއްޖާގެ މަންމައަށް ހަތަރު ދައުވާއެއް އުފުލާފައި ވާއިރު، ބައްޕައަށް އުފުލާފައި ވަނީ އެއް ދައުވާއެވެ.
ކުއްޖާގެ މަންމަގެ މައްޗަށް އުފުލި ދައުވާތައް:
ގާނޫނުލްއުގޫބާތުގެ 414 ވަނަ މާއްދާގެ (ހ) ގެ ދަށުން މަންމައަކަށް ނުވަތަ ބައްޕައަކަށް ނުވަތަ ބެލެނިވެރިއަކަށް ހުރެ، ކުއްޖާގެ ސިއްހަތަށް ނުވަތަ ރައްކާތެރިކަމަށް ނުވަތަ މަސްލަހަތަށް އެކަށީގެންނުވާ ގޮތެއްގައި އުނިކަން އަތުވެދާނެ ފަދަ ހާލަތެއްގައި، 14 އަހަރަށްވުރެ ދޮށީ މީހަކު ނުބަހައްޓައި 24 ގަޑިއިރަށް ނުވަތަ އެއަށްވުރެ ގިނަ އިރަށް އެއް އަހަރު ނުފުރޭ ކުޑަކުއްޖަކު ދޫކޮށްލުމުގެ ކުށުގެ ދައުވާ
- މަންމައަކަށް ނުވަތަ ބައްޕައަކަށް ނުވަތަ ބެލެނިވެރިއަކަށް ހުރެ، ކުއްޖާއާމެދު ކުށެއް ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ އެކަށީންގެންވާ ފިޔަވަޅު އަޅާފައި ނުވުމުގެ ކުށުގެ ދައުވާ
- ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ
- ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތައް ހުރަސްއެޅުމުގެ ކުށުގެ ދައުވާ
މިއީ މުޅިން ވެސް ޖުނަހްގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މި ދަރަޖައިގެ ކުށަކަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ ހަތަރުމަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.
ކުއްޖާގެ ބައްޕަގެ މައްޗަށް އުފުލާފައި ވަނީ ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތައް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ. މިއީ ވެސް ޖުނަހްގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. .
އުމުރުން 13 އަހަރު ކުއްޖާގެ މައިންބަފައިން ހައްޔަރުކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދެމީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފެށީ ކުދިން ބެލުމުގައި އިހުމާލުވި ކަމުގެ ތުހުމަތުގައެވެ.
އުމުރުން 13 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުން "ކައިވެނި"ކޮށް ބަލިވެއިނދެ ވިހޭކަން ހާމަވީ ދީނީ ހަރުކަށި ފިކުރުމުގެ ބައެއްގެ މެދުގައި މިފަހުން ހިނގި ހަމަނުޖެހުމެއްގައި ދޯންޏެއްގެ ތެރޭގައި ޒަހަމްކޮށްލި ޒުވާނާ، އެ ކުއްޖާއާ ކައިވެނިކޮށްގެން އުޅޭ ކަމަށް "ސަން"ގައި ރިޕޯޓުކުރި ކުރުމުން އެވެ.
އެކުއްޖާއާ ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނާ ރ. މަޑުއްވަރީ ފެހިއަލި، އިސްމާއީލް ހައްމާދު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ މައްޗަށް ޖިންސީ ނިޔަތެއް އޮވެ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލުމުގެ ދައުވާ ވަނީ އުފުލައިފައެވެ.