ދިއްލީ (ޑިސެމްބަރު 31): އިއްޔެއަކީ އިންޑިއާގެ ވެރިރަށް ދިއްލީއަށް ފާއިތުވި ގަރުނު ތެރޭ އެންމެ ފިނިވި ދުވަސް ކަމަށް ރެކޯޑުތަކުން ދައްކައިފި އެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނި ގޮތުގައި އިއްޔެ ދިއްލީގެ 'މެކްސިމަމް ޑޭ ޓެމްޕަރޭޗާ' ނުވަތަ ފިނިހޫނުމިން އެންމެ މަތިވި އިރު ހުރީ 9.4 ޑިގްރީ ސެލްސިއަސްގަ އެވެ. އިއްޔެ އެންމެ ފިނިވި ގަޑީގައި ޓޭމްޕަރޭޗާ ހުރީ 2.4 ޑިގްރީ ސެލްސިއަސްގައި ކަމަށް ވަނީ ރިކޯޑުކުރެވިފަ އެވެ.

އެ ޑިޕާޓްމެންޓުން ދިއްލީގެ ފިނިހޫނުމިން ރެކޯޑު ކުރަން ފެށީ 1901ގަ އެވެ. މީގެ ކުރިން ދިއްލީގައި އެންމެ ފިނި ދުވަހެއް ކަމަށް ރިކޯޑުކުރެވިފައި ވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ ދެވަނަ ދުވަހު އެވެ. އެދުވަހުގެ މެކްސިމަމް ޑޭ ޓެމްޕަރޭޗާ އަކީ 9.8 ޑިގްރީ ސެލްސިއަސް އެވެ.

ދިއްލީގައި ދުންފިނި ބޯވެ، ފިނިހޫނުމިން ދަށްވުމުގެ ސަބަބުން ދަތުރުފަތުރަށްވެސް ވަނީ ހުރަސްއެޅިފަ އެވެ. އެގޮތުން އިއްޔެ 30 ރޭލާއި ދިއްލީން ދަތުރުކުރަން އޮތް 450 ފްލައިޓު ލަސްވި އެވެ.

ދިއްލީގެ އިތުރުން އިންޑިއާގެ އުތުރުގައި އޮންނަ އުއްތަރަ ޕްރަދޭޝް އާއި ހަރިޔާނާ އާއި ޕަންޖާބުގެ ބައެއް ސަރަހައްދުތަކުގައިވެސް އިއްޔެ ފިނިހޫނުމިން އާދަޔާ ހިލާފަށް ދަށްވެ، މެކްސިމަމް ޑޭ ޓެމްޕަރޭޗާ 10 ޑިގްރީ ސެލްސިއަށް ވުރެ ދަށަށް ވެއްޓިފައިވެ އެވެ.