ގދ. ގައްދޫ އަދި ތ. ތިމަރަފުށީ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ދެ ރަށުގެ މަގު ހެދުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކުއެވެ.

ގައްދޫ މަގުހެދުމުގެ މަސައްކަތުގެ ކޮންޓްރެކްޓު އަގަކީ 138.7 މިލިއަން ރުފިޔާއެވެ. މި މަސައްކަތުގެ ދަށުން އެރަށުގެ ހަ މަގެއްގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދާނެއެވެ.

އެ ރަށުގައި ހަ ކިލޯމީޓަރުގެ މަގު ހަދަން ހަވާލުކޮށްފައިވަނީ 510 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.

ތިމަރަފުށީ މަގު ހެދުމުގެ ކޮންޓްރެކްޓު އަގަކީ 75.7 މިލިއަން ރުފިޔާ އެވެ. މި އެއްބަސްވުމުގެ ދަށުން އެ ރަށުގައި ހަތަރު ކިލޯ މީޓަރު މަގުގައި ތާރު އަޅާނެއެވެ. އެގޮތުން އެރަށުގެ އަށް މަގެއްގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދާނެ އެވެ.

މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.