ސާފް ޗެމްޕިއަންޝިޕް ގައި ދިވެހިރާއްޖެ އާއި ދެކޮޅަށް ނޭޕާލް ޓީމު ނުކުންނަ މެޗުން މޮޅުވާނެ ކަމުގެ ޔަގީން ކަން އެޓީމުގެ ކޯޗް ގްރަހަމް ރަބަޓްސް ދީފިއެވެ.

ނޭޕާލް ހިމެނެނީ ގްރޫޕް ބީ ގައި ރާއްޖެ އާއި އެއްފަޅި އެއްގައެވެ. ގްރޫޕް ބީގައި ނޭޕާލް އާއި ރާއްޖެ ބައްދަލު ކުރާ މެޗު އޮތީ މުބާރާތް ހުޅުވާ މެޗަށް ފަހު އެވެ. މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ބަންގްލަދޭޝް އާއި ޕާކިސްތާން އެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 14:30 ގައެވެ. އެމެޗަށް ފަހު ހަވީރު 17:30 ގައި ބައްދަލުކުރާނީ ރާއްޖެ އާއި ނޭޕާލް އެވެ.

"ހުރިހާ ކުޅުންތެރިން ތިބީ 100 ޕަސަންޓް ފިޓްކޮށް. ރާއްޖެ ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް. ރާއްޖެ ކުޅެން ބޭނުންވާ ގޮތަށް ކުޅުނަ ނުދީ އެމީހުން ބޯޅަ ހިފަހައްޓައިގެން ކުޅުނަ ނުދޭން އަހަރެމެން ބަލާނީ. އަހަރެންނަށް އެނގޭ އެމީހުން ކުޅޭނެ ގޮތް. ރާއްޖޭ ޓީމުގައި މޮޅެތި މިޑްފީލްޑަރުން އެބަތިބި. އެމީހުން ކައިރީ ކުޅެވޭނެ ގޮތެއް އެބައޮތް." ކޯޗް ރޮބަޓްސް ބުންޏެވެ.

ފުރަތަމަ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށާއި އެމެޗުން މޮޅު ވެއްޖެ ނަމަ، މުބާރާތުގެ ފައިނަލާއި ހަމައަށް ދަތުރު ކުރަން ފަސޭހަ ވެގެންދާނެ ކަމަށް ވެސް ރޮބަޓްސް ބުންޏެވެ.

"ފުރަތަމަ މެޗަކީ މުބާރާތުގެ އެންމެ މުހިންމު މެޗު. އެމެޗުން މޮޅުވެވިއްޖެނަމަ، ފައިނަލަށް ދަތުރުކުރަން ފަސޭހަ ވާނެ. އޭގެ އިތުރުން، ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ވެސް ލިބިގެންދާނެ." ރޮބަޓްސް ބުންޏެވެ.

1984 ވަނަ އަހަރުގެ ފަހުން ނޭޕާލް އާއި ރާއްޖެ އާއި ކުޅެފައިވަނީ ބައިނަލްއަގްވާމީ ދިހަ މެޗެވެ. އެ ދިހަ މެޗުން ނޭޕާލް ހަތަރު މެޗުން މޮޅުވި އިރު، ރާއްޖެ މޮޅު ވެފައިވަނީ ހަތަރު މެޗުން ނެވެ. އަނެއް ތިން މެޗު ނިމިގެން ގޮސްފައި ވަނީ އެއްވަރު ވެގެންނެވެ.

އެންމެ ފަހުން ބަންގްލަދޭޝް ގައި ބޭއްވި މުބާރާތުގައި ވެސް ނޭޕާލް އާއި ދިވެހިރާއްޖެ ހިމެނުނީ އެއް ގްރޫޕެއްގައެވެ. އެ މުބާރާތުގެ ގްރޫޕް ސްޓެޖުގައި ކުޅުނު މި ދެޓީމު ކުޅުނު މެޗު ނިމިގެން ދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ނަމަވެސް ނޭޕާލް އަށް ވަނީ އެމުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓާފަ އެވެ.