ހދ. ކުޅުދުއްފުށީގައި ސިޓީ ކައުންސިލްއެއް އިންތިހާބު ކުރުމުގެ މަަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

އިލެކްޝަން ކޮމިޝަން އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ހދ. ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައެޅުއްވުމާ ގުޅިގެން ގާނޫނުގައިވާ ގޮތުގެ މަތިން ކުޅުދުއްފުށީ ސިޓީ ކައުންސިލްއެއް އިންތިހާބް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އެކުލަވާލަން ނިންމިއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބްގައި ސިޓީ ކައުންސިލްތަކުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅައި އެ ދާއިރާތަކުން އަންހެނުންނަށް ހާއްސަކޮށްފައިވާ ދާއިރާތައްވެސް މިހާރު ވަނީ ކަނޑައަޅައިނިމިފައެވެ.

ކުރިން ނިންމާފައިވާ ގޮތުން ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށިން އެކުލަވާލަން ނިންމާފައި އޮތީ ރަށު ކައުންސިލެކެވެ. އެކަމާ ގުޅިގެން އެރަށު ރައްޔިތުން ވަރަށް ބޮޑަށް ނުރުހުން ފާޅުވެސްކުރިއެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރިއިރު ހދ. އަތޮޅުގެ ވެރިކަން ކުރާ ރަށެއް އަދި ކަނޑައެއް ނާޅައެވެ. ރައީސް ސޯލިހްގެ ތަރުޖަމާނު އެކަމާ ގުޅޭގޮތުން ވިދާޅުވީ، ވެރިކަން ކުރާ ރަށެެއް ކަނޑައަޅަން އަދި އިދާރީގޮތުން ބައެއް ކަންތައްތައްކުރަން ޖެހޭ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހޫދު ނުދެއްވައެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރުމަކީ މިސަރުކާރުގެ ވައުދެކެވެ.

ގާނޫނުގައިވާ ގޮތުން އާބާދީގައި 10،000 މީހުން އުޅޭނަމަ އެރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނެއެވެ. ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އަރާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ރާއްޖޭގައި ސިޓީގެ ގޮތުގައި ކުރިން ކަނޑައަޅާފައިވަނީ މާލޭ ސިޓީއާއި ، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއެވެ.

ކުޅުދުއްފުށީގެ މިވަގުތު އާބާދީއަކީ 10172 އެވެ. އެހެންކަމުން އެރަށުގައި ސިޓީ ކައުންސިލަށް ހަތް މެމްބަރުން އިންތިހާބްކުރަން ޖެހޭނެއެވެ. ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީން 19، އައްޑޫ ސިޓީން 13 އަދި ފުވައްމުލައް ސިޓީން 11 ކައުންސިލަރުން އިންތިހާބުކުރަން ޖެހެއެވެ.