31 Dec 2019, 14:41
ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ޗުއްޓީ ދަތުރެއްގައި މެލޭޝިޔާއަށް ވަޑައިގެން، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރި ކަމަށްބުނެ، އެކަން ބަލައިދިނުމަށް އެދި އަމިއްލަ ފަރާތަކުން އެންޓިކޮރަޕްޝަން ކޮމިޝަނަށް މިއަދު މައްސަލައެއް ހުށަހަޅައިފިއެވެ.
އެފަދަ މައްސަލައެއް ހުށަހަޅާފައިވާކަން އޭސީސީން ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.
އޭސީސީއަށް މިއަދު މައްސަލަ ހުށަހަޅައިފައި ވަނީ ޝިދާތާ އާއިލާއާއެކު މެލޭޝިއާއަށް ޗުއްޓީ ދަތުރެއްގައި ވަޑައިގެން، މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީގެ ކާރެއް ބޭނުންކުރައްވާފައިވާ ކަމަށްބުނެއެވެ. ޝިދާތާ މިވަގުތު ހުންނެވީ ވެސް މެލޭޝިޔާގައެވެ.
މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އޭސީސީން ހާމައެއް ނުކުރެއެވެ.
މިނިސްޓަރު ޝިދާތާގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މިފަދަ މައްސަލައެއް ވެސް އޭސީސީއަށް ވަނީ ހުށަހަޅައިފައެވެ.
ނަޝީދުގެ މައްސަލައެއް ހުށަހެޅީ މިދިޔަ އޮކްޓޯބަރު މަހު އެކްޓިވިސްޓުންނާ ބައްދަލު ކުރަން ދެކުނުގެ އަތޮޅުތަކަށް މަޖިލީހުގެ ހަރަދުގައި މަޖިލީހުގެ ރަސްމީ ދަތުރެއްގެ ގޮތުގައި ކުރި ކަމަށް ބުނެއެވެ.