މާދަމާއިން ފެށިގެން ހދ. ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

ރައީސް ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 1 ޖަނަވަރީ 2020 އިން ފެށިގެން ކުޅުދުއްފުށްޓަކީ ލާމަރުކަޒީ ގާނޫނުގައި އޮންނަ އުސޫލުން ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް މިއަދު ނިންމާފައިވާ ކަމަށެވެ.

ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދޭން ސަރުކާރުން ނިންމާފައިވާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށްޓަށް ރަށު ކައުންސިލެއް އިންތިހާބު ކުރަން ނިންމާފައިވާތީ އެރަށު ރައްޔިތުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރުމަކީ މިސަރުކާރުގެ ވައުދެކެވެ.

ގާނޫނުގައިވާ ގޮތުން އާބާދީގައި 10،000 މީހުން އުޅޭނަމަ އެރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނެއެވެ. ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އަރާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން މިއަދު "ސަން" އަށް ވިދާޅުވީ ކުޅުދުއްފުށި ކައުންސިލަކީ ގިނަ ހިދުމަތްތައް ދޭ ތަނަކަށް ވާތީ، އެތަނަށް ސީޓީއެއްގެ ދަރަޖަ ދިނުން ވަރަށް މުހިއްމު ކަމަށެވެ.