29 Nov 2011, 14:17
އެލައިޑް އިންޝިއުއަރެންސް ގައުމީ ވޮލީބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ޕޮލިހާ ދެކޮޅަށް ކުޅުނު މެޗު ވެސް ކުލަބް ޕީކޭ އިން ފަސޭހަކަމާއެކު ތިން ސެޓުން ކާމިޔާބު ކޮށް އެއްވަނާގައި ހަމަޖެހިލައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މިމެޗުގެ ތިން ސެޓު ވެސް ގެންދިޔައީ ކުލަބް ޕީކޭ އިން ނެވެ. މިމެޗުގައި އެންމެ ވާދަ ވެރި ކުޅުމެއް ފެނިގެންދިޔައީ އެންމެ ފަހު ސެޓުގަ އެވެ. އެ ސެޓު ޕީކޭ އިން ގެންދިޔައީ ޕޮއިންޓެއްގެ ތަފާތުންނެވެ.
ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން މުބާރާތަށް ނުކުތް ޕީކޭއިން ސެޓުތައް ގެންދިޔައީ 25-14، 25-20 އަދި 25-24 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބް ޕީކޭގެ ބިދޭސީ ކުޅުންތެރިޔާ އެސްއޭ ޖަތިން އެވެ.
މިމުބާރާތުގައި ރޭވެސް މެޗެއް ކުޅެފައި ވެއެވެ. ކަސްޓަމްސް ރެކްރިއޭޝަން އާއި ދެކޮޅަށް ކުޅެ ދިވެހި ސިފައިންގެ ކުލަބު ވަނީ ފަސޭހަކަމާއެކު ތިން ސެޓު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ ސެޓުތައް ސިފައިން ގެންދިޔައީ 25-14، 25-24 އަދި 25-20 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކުލަބުގެ ޖާޒީ ނަންބަރު 7 އަހްމަދު އަނިލް އެވެ.
ލީގު އުސޫލުން ކުޅޭ މިމުބާރާތުގައި ޖުމްލަ އަށް ޓީމު ހިމެނެ އެވެ. މިއަހަރު މިމުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ދިވެހި ސިފައިންގެ ކުލަބާއި، ޕޮލިސް ކުލަބާއި، ނާވައިދޫ ރެކްރިއޭޝަން ޖަމްއިއްޔާ އާއި، ސްޕޯޓްސް ކުލަބް ގުޑީސް އާއި، ސްޕޯޓްސް ކުލަބް ސިޓީސް އާއި، ކުލަބް ޕީކޭ އާއި، އެސްޓީއޯ ރެކްރިއޭޝަން ކުލަބް އަދި ކަސްޓަމްސް ރެކްރިއޭޝަން ކުލަބެވެ.
އަށާރަ ޕޮއިންޓާއެކު މި މުބާރާތުގެ އެއްވަނާގައި އޮތީ ކްލަބް ޕީކޭ އެވެ. ސޯޅަ ޕޮއިންޓާއެކު ދެވަނަ އަށް ސިފައިންގެ ކުލަބް ޖެހިލިއިރު، ޕޮލިސް ކުލަބު ވަނީ ތިންވަނަ އަށް ވެއްޓިފައެވެ. އެގާރަ ޕޮއިންޓާއެކު ހަތަރު ވަނާގައި އެސްޓީއޯ އޮތްއިރު، ފަސްވަނާގައި ކަސްޓަމްސް އޮތީ އަށް ޕޮއިންޓާ އެކު އެވެ. ހަ ޕޮއިންޓާއެކު ހަވަނާގައި ސްޕޯޓްސް ކުލަބް ސިޓީ އޮތްއިރު، ހަތްވަނާގައި އޮތީ ސްޕޯޓްސް ކުލަބް ގުޑީސް އެވެ. އަދި އެންމެ ފުލުގައި އޮތީ ނާވައިދޫ ޒުވާނުންގެ ޖަމްއިއްޔާ އެވެ.