31 Dec 2019, 11:33
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލް މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށާއި މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަސް ކަމަށެވެ.
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުގެ ތިން މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވާ، ނުވަތަ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް ތިނެއްގެ ކޯހެއް ފުރިހަމަކޮށް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެ އެވެ.
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ، ފިރިހެނެއް ނަމަ އިސްކޮޅުން ފަސްފޫޓު ތިން އިންޗި، އަންހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓު ހަމަވާ މީހަކަށް ވާންޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަމުގެ އަމަލެއް ނުވަތަ ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް އިއުލާނުގައިވެ އެވެ.
މީގެ އިތުރުން އެމީހަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ވެގެން ނުވާނެ ކަމަށާއި ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހޭނެ ކަމަށްވެސް އިއުލާނުގައިވެ އެވެ.