ކަނޑު ދަތުރުކުރަމުން ދިޔަ ބޯޓެއްގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށާއިފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ މިނިސްޓްރީއާއި ފުލުހުން ގުޅިގެން އެފަދަ މައްސަލައެއް މިއަދު ބަލަން ފަށާފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ދެ ކުދީންނާ ޖިންސީ ގޯނާކޮށްފައި ވަނީ ރަށުން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ ބޯޓެއްގަ އެވެ. އަދި އެ ދެކުންދިންނަށް ޖިންސީ ގޯނާކޮށްފައި ވަނީ ބޯޓުގެ ފަޅުވެރިޔެއް ކަމަށް ސަން އަށް މައުލޫމާތު ދިން ފަރާތަކުން ވަނީ ބުނެފަ އެވެ.

އޭނާ ބުނި ގޮތުގައި ޖިންސީ ގޯނާކޮށްފައި ވަނީ 11 އަހަރާއި 13 އަހަރުގެ ދެ އަންހެން ކުދިންނަށެވެ.

"ފުރަތަމަ ބޮޑަށް ހުރި ކުއްޖާއާ ބެހުނީ. އެއަށް ފަހު އެކުއްޖާ ހޭލީމާ ކުޑަކުއްޖައާ ބެހުނީ،" ސަން އަށް މައުލޫމާތު ދިން ފަރާތް ކިޔައިދިނެވެ.

އޭނާ ބުނީ، ދޮށީ އަންހެން ކުއްޖާ އެވާހަކަ އެކުދިންގެ މަންމަ ގާތު ބުނި ކަމަށެވެ. އެ މައްސަލަ ޖެންޑާ އާއި ފުލުހުންނަށް މަންމަ ހުށަހެޅި ކަމަށް އޭނާ ބުންޏެވެ.

އަދި ބޯޓު މާލެއަށް ޖެއްސުމާ އެކު ފުލުހުންނާއި ޖެންޑާ އައިސް އެމީހާ ގެންދިޔަ ކަމަށް ވެސް އޭނާ މައުލޫމާތު ދެ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.