31 Dec 2019, 10:08
ދިއްލީ (ޑިސެމްބަރު 31): އިންޑިއާގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ބިޕިން ރާވަތު ރިޓަޔާ ކުރައްވަން އޮތް ދުވަހުގެ ކުރީ ދުވަހު، އޭނާ އެ ގައުމުގެ ފުރަތަމަ ޗީފް އޮފް ޑިފެންސް ސްޓާފްގެ މަގާމަށް އައްޔަންކޮށްފި އެވެ.
މިމަހުގެ 24ގައި އުފެއްދި މަގާމެއް ކަމަށްވާ ޗީފް އޮފް ޑިފެންސް ސްޓާފްއަކީ އިންޑިއާގެ އަސްކަރީ ބާރުތަކުގެ އިސް ވެރިޔާ އެވެ. އެމަގާމުގައި ހުންނަވާ ބޭފުޅެއްގެ ޒިންމާތަކުގެ ތެރޭގައި އަސްކަރިއްޔާއާ ގުޅުން ހުރި ކަންތައްތަކުގައި ސަރުކާރަށް ލަފާ ދިނުމާއި އިންޑިއާގެ އަސްކަރިއްޔާ އާއި އެޔާ ފޯސް އާއި ނޭވީން ގުޅިގެން ކުރާ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިއަށްގެންދާކަން ޔަގީން ކުރެއްވުން ހިމެނެ އެވެ.
އިންޑިއާ ޓުޑޭ ނޫހުގައިވާ ގޮތުން ޖެނެރަލް ރާވަތު މިއަދު އަސްކަރިއްޔާގެ ވެރިޔާގެ މަގާމުން ދުރަށް ޖެހިވަޑައިގަންނަވާނެ އެވެ. އަދި މިހާރު އަސްކަރިއްޔާގެ ވެރިޔާގެ ނައިބުގެ ގޮތުގައި ހުންނެވި ލެފްޓެނެންޓު ޖެނެރަލް މަނޯޖު މުކުންޑު ނަރަވަން އެމަގާމާ ހަވާލުވެވަޑައިގަންނަވާނެ އެވެ.
ޖެނެރަލް ރާވަތު އަސްކަރިއްޔާގެ ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވީ 31 ޑިސެމްބަރު 2016އިގަ އެވެ.
އިންޑިއާގެ އަސްކަރިއްޔާގެ ވެރިޔާ ރިޓަޔާ ކުރެއްވުމުގެ ކުރިން އޭނާއަށް އެހެން މަގާމެއް ދީފައި ވަނީ، ކަޝްމީރުގެ މައްސަލައިގައި އެގައުމާއި ޕާކިސްތާނުގެ ގުޅުން ގޯސްވެފައިވާ ކަމަށް ބުނެ ޕާކިސްތާނުގެ އެގައުމުގެ އަސްކަރިއްޔާގެ ވެރިޔާގެ ދައުރު އިތުރު ކުރި ފަހުންނެވެ.
ޕާކިސްތާނުގެ އާމީ ޗީފް ޖެނެރަލް ގަމަރު ޖާވިދު ބަޖުވާގެ ދައުރު ނިމެން ހަމަޖެހިފައި އޮތީ މިދިޔަ މަހުގަ އެވެ. ނަމަވެސް މިދިޔަ އޮގަސްޓު މަހު ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ އޭނާގެ ދައުރު އިތުރު ތިން އަހަރަށް ދަންމާލާފަ އެވެ.
ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ކޯޓުން ފުރަތަމަ އެ ނިންމުން ސަސްޕެންޑު ކުރި އެވެ. އޭގެ ފަހުން މިދިޔަ މަހުގެ 28ގައި ކޯޓުން ވަނީ ޖެނެރަލް ބަޖުވާގެ ދައުރު ހަ މަހަށް އިތުރު ކުރަން ހުއްދަ ދީފަ އެވެ. އަދި އެ މުއްދަތުގައި، އަސްކަރިއްޔާގެ ވެރިޔާގެ ދައުރު އިތުރު ކުރުމާ ބެހޭ ގާނޫނެއް ފާސް ކުރުމަށް ސަރުކާރަށް އަންގައިފަ އެވެ.