29 Nov 2011, 13:37
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މަދަނައިގެ ހިދުމަތް ދޭން އިންޝުއަރެންސް ކޮށް ދިނުމުގެ ހިދުމަތް ދިނުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި ތިން ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އަންނަ އަހަރުން ފެށިގެން ހުރިހާ ދިވެހިންނަށް މަދަނައިގެ ހިދުމަތް ފެށުމަށް ޔުނިވާސަލް އިންޝުއަރެންސްގެ ހިދުމަތް ދޭނެ ފަރާތްތަކެއް ހޯދަން މިދިޔަ އޮކްޓޯބަރު މަހު ތެރޭ ފިނޭންސް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.
ފިނޭންސްގެ ޓެންޑާ ބޯޑުގެ ޑިރެކްޓާ ސާމީ އަގީލް މިއަދު ވިދާޅުވީ މުއްދަތު ހަމަވިއީރު ކުރިމަތިލާފައިވަނީ އެލައިޑް އިންޝުއަރެންސް އާއި ސްރީ ލަންކާ އިންޝުއަރެންސް އަދި އަމާނާތަކަފުލް އިން ކަމަށެވެ. ސާމީ ވިދާޅުވީ އެ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމުން އެ ތިން ކުންފުންޏަށް ވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު މިހާރު ދީފައިވާ ކަމަށެވެ.
"ދެން އޮތް ސްޓޭޖްގައި އަޅުގަނޑުމެންނަށް އިނގޭނީ އެއީ ކޮން އަގެއްތޯ އަދި ކޮންކޮން ގޮތަކަށްތޯ އެ ބޭފުޅުން ހުށަހަޅުއްވަނީ. އެއަށް ފަހު އޮންނާނީ ޝޯޓް ލިސްޓް ކުރުން،" ސާމީ ވިދާޅުވި އެވެ.
އޮކްޓޯމްބަރު 20 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައިވަނީ އެ ސްކީމް ކުރިއަށް ގެންދަން ނިންމާފައިވަނީ ސަރުކާރުގެ 40 ޕަސެންޓާއި އިންޝުއާ ހިދުމަތްދޭ ފަރާތުގެ 60 ޕަސެންޓް ހިއްސާވާގޮތަށް ކަމަށެވެ. އަދި ބުނަނީ އެ ހިދުމަތަށް ދައްކަންޖެހޭ ޕްރީމިއަމް ސަރުކާރުން ދައްކާއިރު ބިލިން އާއި ކްލެއިމްސް ކަންތައްތަ ކުރަންޖެހެނީ ހޮސްޕިޓަލުންނާއި ޚިދުމަތް ދޭ ފަރާތަކުން ކަމަށެވެ.
އެ ސްކީމުން ރާއްޖޭން ފަރުވާ ނުދެވޭ ބަލިތަކަށް ބޭރުން ބޭސްކުރެވޭއިރު ބޭސިކް އިންޝުއަރެންސަކުން ލިބޭ ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭނެ ކަމައްވެސް އެ އިއުލާނުގައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު، ޖޫމްހޫރީ ދުވަހު އައްޑޫގެ ސިޓީ ސްކެޔާގައި ގައުމާ މުހާތަބުކުރައްވާ ވިދާޅުވެފައިވަނީ އަންނަ ޖެނުއަރީން ފެށިގެން ހުރިހާ ދިވެހިންނަށް ހިލޭ ބޭސްފަރުވާގެ ހިދުމަތް ފަށާނެ ކަމަށެވެ.