31 Dec 2019, 09:43
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ 15 ވަނަ މެޗު ވީކުގައި ރޭ ޔުނައިޓެޑް ވިކްޓަރީއާއި ދަ ގްރާންޑޭ ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެ މެޗުން ލިބުނު ޕޮއިންޓާ އެކު ދަ ގްރާންޑޭ ވަނީ ތާވަލުގެ ފަސްވަނައަށް ޖެހިލައިފަ އެވެ. ހަވަނާގައި އޮތް ފޯކައިދޫއަށް ވެސް އެ ޓީމާއި އެއްވަރަށް ޕޮއިންޓް ލިބިފައިވާ އިރު ދަ ގްރާންޑޭ ކުރި ހޯދަނީ ފައިދާ ގޯލުންނެވެ. ރޭގެ މެޗުގެ ނަތީޖާއާ އެކު ޔޫވީ އޮތީ ތާވަލުގެ ފުލުން ދެވަނައިގަ އެވެ.

ކެޕްޝަން..
ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް ވަނީ އުފައްދައިފަ އެވެ. މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ދަ ގްރާންޑޭ އިންނެވެ. މެޗުގެ 19 ވަނަ މިނަޓުގައި އެ އެޓީމަށް ގޯލު ކާމިޔާބުކޮށްދިނީ ފޯވާޑް އަހުމަދު އިމާޒެވެ.
އޭގެ ފަސް މިނެޓު ފަހުން ޔޫވީން ވަނީ ނަތީޖާ އެއްވަރުކުރުމަށް ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. އެ ޓީމުގެ އަލީ ހައިޝަމް (ޗުމްޕު) ބޮލުން ފޮނުވާލި ބޯޅަ ދަ ގްރާންޑޭގެ ޑިފެންޑަރު މުހައްމަދު ނިޒާމްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ދިޔައިރު، އެ ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ދެވަނަ ހާފު ފަށައިގެން ދަ ގްރާންޑޭއިން ރަނގަޅު ކުޅުމެއް ދެއްކިއިިރު، 50 ވަނަ މިނެޓުގައި އަހުމަދު އަޔާޒް (އަޔާ) ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދައިފަ އެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ އެވެ. އެއަށް ފަހު ޔޫވީގެ ޗުމްޕް އުފެއްދި ހަމަލާއެއް ދަ ގްރާންޑޭގެ ކީޕަރު ފައިސަލް ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ 80 ވަނަ މިނަޓުގައި ދަ ގްރާންޑޭއަށް ލީޑު ފުޅާ ކުރުމަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އެ ޓީމުގެ ބިދޭސީ ފޯވާޑް އޮބައިދާ ކަދުމް ފޮނުވާލި ހަމަލާ ކީޕަރު ތޮލާލް އަތުޖައި ރިބައުންސަށް ނުކުން އިރު ބޯޅަ ލިބުނީ އޭރިއާ ތެރޭ ހުސްކޮށް ހުރ ތޮލާލް ނަސީރު އަށެވެ. އެކަމަކު އޭނާ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ވެސް އަމާޒުވީ ހުރަސް ދަނޑިއަށެވެ.
އޭގެ ތިން މިނެޓު ފަހުން ކޯނަރަކުން ޔޫވީން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަލީ ޝަމާލް (ޝައްމު) ނަގައިދިން ކޯނަރުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ސިލިޗް އެވެ.
މިފަހަރުގެ ލީގަށް މުޅިން އަލަށް ކޮލިފައިވި ދަ ގްރާންޑޭ ދެން މެޗެއް ކުޅޭނީ އަންނަ ހުކުރު ދުވަހު ތާވަލުގެ ފުލުގައި އޮތް ނިލަންދޫއާ ދެކޮޅަށެވެ. ޔޫވީއިން އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޓީސީއާ ދެކޮޅަށެވެ.