29 Nov 2011, 13:33
ދުނިޔޭގެ ގުދުރަތީ އައު ހަތް އަޖައިބު ހޮވަން ފެށުންވީ ގިނަ ބަޔަކު އެކަމާ ގަބޫލުވި ކަމަކަށެވެ. ސަބަބަކީ އެކަމަކީ ތިމާވެށި ހިމާޔަތްކުރުމުގައި ދައުރެއް އަދާކޮށްފާނެ ކަމަކަށް ވުމެވެ.
ނަމަވެސް މި އަހަރުގެ އައު ހަތް އަޖައިބު އިއުލާނު ކުރުމާ އެކު އެކަން ކުރަމުން އަންނަ ޖަމާއަތުގެ މަގުސަދާ މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލުތައް އުފައްދަމުންނެވެ.
ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މި އަހަރު އައު ހަތް އަޖައިބުގެ ލިސްޓްގައި ތަންތަން ހިމެނުން ބިނާވެފައި އޮތީ އެތަންތަނުގެ ރީތިކަމަށް ވުރެ ބޮޑަށް އެތަންތައް ނިސްބަތްވާ ގައުމެއްގެ ސަރުކާރުން ނުވަތަ ޓޫރިޒަމް ޕްރޮމޯޝަން ބޯޑްތަކުން އެކަމަށް ހަރަދުކުރަން ތައްޔާރަށް ތިބި މިންވަރެއްގެ މައްޗަށެވެ.
އައު ހަތް އަޖައިބު ހޮވުމުގެ މުބާރާތުން ވަކި ހިސާބަކުން ވަކިވި ދެ ގައުމު ކަމަށްވާ ރާއްޖެ އާއި މެލޭޝިޔާގެ ޓޫރިޒަމާ ބެހޭ އިދާރާތަކުން ވަނީ ވޯޓްލާ ގޮތާއި އެކަމަށް ހަރަދުކުރުމުގައި ދެފުށް ފެންނަ ގޮތެއް ނެތުމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އދ.ގެ ތަރިކަ އާއި ސަގަފަތާ ބެހޭ އިދާރާ ޔުނެސްކޯ އިން އުޅުނީ އައު ހަތް އަޖައިބު ހޮވުމުގެ ހަރަކާތާ ވަރަށް ދުރުގައި ކަން ފާހަގަ ކުރެވެ އެވެ.
މާބޮޑު މަޝްހޫރު ކަމެއް ލިބިފައި ނުވާ ދެކުނު ކޮރެއާގެ ޖުލޫ ޖަޒީރާ ވެސް ހިމެނޭ ހަތް ތަނެއް، އައު ހަތް އަޖައިބުގެ ގޮތުގައި މި މަހުގެ 11 ވަނަ ދުވަހު ވަނީ އިއުލާންކޮށްފަ އެވެ.
މި އަހަރު ހޮވި އައު ހަތް އަޖައިބަށް ޝޯޓް ލިސްޓް ކުރި ކޮންމެ ތަނެއް ތަމްސީލު ކުރާ ސަޕޯޓިން ކޮމިޓީއެއް އުފައްދަން ޖެހުނެވެ. އަދި އެއިން ކޮންމެ ކޮމިޓީއެއްގެ އެޑްމިނިސްޓްރޭޝަން ފީއެއްގެ ގޮތުގައި 195 ޑޮލަރު ދައްކަން ޖެހުނެވެ. އެކަމާހަވާލުވި ދިވެހި ކުންފުނިން ބުނެފައިވާ ގޮތުގައި އަދި ސްޕޮންސަޝިޕް ފީއެއްގެ ގޮތުގައި 35000 ޑޮލަރު ހޯދަން އައު ހަތް އަޖައިބު ހޮވުމުގެ މަސައްކަތް ކުރާ ފަރާތުން މަސައްކަތް ކުރި އެވެ. އަދި 500،000 އަށް ވުރެ ގިނަ ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވޭ ވޯލްޑް ޓްއާ އިވެންޓެއް ހަމަޖެއްސުމަށް ވެސް އެ ފަރާތުން އެދުނެވެ.
އަދި އިންޑޮނޭޝިޔާގެ ޓޫރިޒަމް އޮތޯރިޓީން ބުނެފައިވާ ގޮތުގައި އެ ގައުމުން ސްޕޮންސަޝީޕް ފީއެއްގެ ގޮތުގައި 10 މިލިޔަން ޑޮލަރު އަދި އިވެންޓް އިންތިޒާމް ކުރުމަށް 35 މިލިޔަން ޑޮލަރު ހަރަދުކުރުމަށް ވެސް އައު ހަތް އަޖައިބު ގްރޫޕުން އެދުނެވެ.
އަދި އެ އަދަދަށް ހަރަދު ނުކުރާ ނަމަ އިންޑޮނޭޝިޔާގެ ކޮމޯޑޯ އައިލެންޑްސް ލިސްޓުން އުނިކުރާނެ ކަމުގެ އިންޒާރު ވެސް ދިނެވެ. އެކަމާ ދެކޮޅަށް އަޅަން އުޅުނު ގާނޫނީ ފިޔަވަޅު އިންޑޮނޭޝިޔާ ސަރުކާރުން ފަހުން ވަނީ ހުއްޓާލާފަ އެވެ.
އައު ހަތް އަޖައިބު ހޮވާ ޖަމާއަތުން ވަނީ އިންޑޮނޭޝިޔާގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ހަތް އަޖައިބުގެ ތެރޭގައި ކޮމޮޑޯސް އައިލެންޑްސް ވަނީ ހިމެނިފަ އެވެ.
ރާއްޖެ އާއި އިންޑޮނޭޝިޔާގެ އިތުރުން އަޔަލޭންޑުން ވެސް ވަނީ އެފަދަ ތުހުމަތުތަކެއްކޮށްފަ އެވެ.
އެހެންވެ، އައު ހަތް އަޖައިބު ހޮވުމުގައި އިސްކަން ދީފައި ވަނީ އެ ގައުމަކުން ހަރަދު ކުރަން ތައްޔާރަށް އޮތް މިންވަރެއްގެ މައްޗަށް ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
ސްވިޒަލޭންޑްގެ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ ނިއު ސެވެން ވޮންޑާސް އޯގަނައިޒޭޝަނުން ހޮވި ދުނިޔޭގެ އައު ހަތް އަޖައިބުގެ ގޮތުގައި މިމަހުގެ 11 ވަނަ ދުވަހު އިއުލާންކޮށްފައިވާ ތަންތަނަކީ ވިއެޓްނާމްގެ ހާ ލޮންގްބޭ އާއި ބްރެޒިލް އާއި އާޖެންޓީނާ ހިއްސާކުރާ އިގުއާޒޫ ފޯލްސް އާއި ދެކުނު ކޮރެއާގެ ޖެޖޫ އައިލެންޑްސް އާއި އިންޑޮނޭޝިޔާގެ ކޮމޮޑޯ އާއި ދެކުނު އެމެރިކާގެ އެމޭޒަން އާއި ފިލިޕީންސްގެ ޕުއެރްތޯ ޕްރިންސެސާ އާއި ދެކުނު އެފްރިކާގެ ޓޭބްލް މައުންޓެއިން އެވެ.
( ދަ ސިޑްނީ މޯނިން ހެރަލްޑް)