30 Dec 2019, 20:02
ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޑީޕީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ރަށު ކައުންސިލާއި އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިހާބުގައި ޕާޓީ ޓިކެޓު ހޯދުމަށް ވާދަކުރާ ކެންޑިޑޭޓުން އިންތިހާބު ކުރުމަށް ބާއްވާ ޕްރައިމަރީ ގައި ވާދަކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާ ކަމަށެވެ.
އެމްޑީޕީގެ ޓިކެޓުގައި ދާއިރާތަކަށް ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު އަންނަ މަހުގެ 10 ގެ ކުރިން ޕާޓީގެ ސެކްރެޓޭރިއޭޓާށް ހުށަހެޅުމަށް އިއުލާނުގައި ވެއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެވޭނީ މިއަހަރުގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ. އަދި އިންތިހާބުގައި ވޯޓު ލެވޭނީވެސް މި އަހަރުގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ރެޖިސްޓްރީވެފައިވާ މީހުންނަށް ކަމަށް އެމްޑީޕީ އިން ބުންޏެވެ.
އަންނަ އޭޕްރިލް މަހުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބަށް އެމްޑީޕީއިން ނެރޭ ކެންޑިޑޭޓުން ހޮވަން ބާއްވާ ޕްރައިމަރީއާ ގުޅޭ ޓައިމްލައިންގައިވާގޮތުން ޕްރައިމަރީގައި ވޯޓުލާ މީހުންގެ ވޯޓާސް ލިސްޓު އާންމު ކުރާނީ ހަތެއް ޖެނުއަރީގައެވެ. އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ދޭނީ ތިން ދުވަހެވެ. އެއަށް ފަހު ފައިނަލް ވޯޓާސް ލިސްޓު 15 ޖެނުއަރީގައި އާންމު ކުރާނެ އެވެ.
ޕްރައިމަރީގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ލިސްޓު އާންމު ކުރާނީ ޖެނުއަރީ 13ގައެވެ. އަދި އިންތިހާބު ބާއްވާނީ ޖެނުއަރީ 31 ވަނަ ދުވަހު އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ އޭޕްރީލް ހަތަރުވަނަ ދުވަހުއެވެ.
މިފަހަރުގެ އިންތިހާބުގައި ކައުންސިލުތަކުގެ 33 ޕަސެންޓު އަންހެން މެމްބަރުންނަށް ހާއްސަ ކުރެވިފައިވެއެެވެ.