29 Nov 2011, 13:13
އާންމުތަކެއްގައި ދީނީ ދަރުސް ދިނުމަށް ސިޓީ ކައުންސިލުން ބާރު ނާޅާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ. އެ ކައުންސިލުން މިހެން ބުނެފައި ވަނީ އަލިމަސް ކާނިވަލުގައި ދީނީ ދަރުސް ބޭއްވުމުގެ ހުއްދައަށް އަމިއްލަ ޖަމިއްޔާއަކުން ކައުންސިލްގައި އެދުމުން ދިން ޖަވާބުގަ އެވެ.
ކާނިވަލުގައި ދަރުސެއް ބޭއްވުމުގެ ހުއްދައަށް އެދުނީ މޯލްޑިވްސް ސޮސައިޓީ ފޯ އިސްލާމިކް ރިސާޗުންނެވެ.
އެ ޖަމިއްޔާއިން ބުނީ ދީނީ ދަރުސެއް ބާއްވަން މި މަހުގެ ދެ ފަހަރެއްގެ މަތިން ސިޓީ ކައުންސިލްގައި އެދިފައިވާނެ ކަމަށާއި ނަމަވެސް ސިޓީ ކައުންސިލުން މިއަދު އެ ޖަމިއްޔާއަށް ދީފައިވާ ޖަވާބުގައި ބުނެފައި ވަނީ "އާންމު ތަންތާގައި ދީނީ ދަރުސް ދިނުމަށްވުރެ ބޮޑަށް ކައުންސިލުން ބާރު އަޅަނީ މިސްކިތްތަކާއި ސްކޫލް އަދި ސިޓީ ހޯލް ފަދަ ތަންތަނުގައި" ދީނީ ދަރުސްތައް ބޭއްވުމަށް ކަމަށެވެ.
ސިޓީ ކައުންސިލުން އިސްލާމިކް ރިސާޗަށް ސިޓީ ފޮނުއްވެވީ ކައުންސިލްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނަރަލް ހަސަން ޝާކިރު މުހައްމަދު އެވެ.
އޭނާ މިއަދު ވިދާޅުވީ އެ ޖަވާބަކީ އިސްބޭފުޅުން އެންގެވި ގޮތަށް ގޮތަކަށް އިދާރީ ގޮތުން ދެއްވި ޖަވާބެއް ކަމަށެވެ. އެ ޖަވާބާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވާނީ މޭޔަރު މައިޒާން އަލި މަނިކު (އަލިބެ) ކަމަށެވެ.
އަލިބެ ރާއްޖެއިން ބޭރުގައި އުޅުއްވާތީ އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އަދި ޑެޕިއުޓީ މޭޔަރު އަހުމަދު ސަމާހު ފޯނަށް ޖަވާބު ނުދެއްވާތީ ސިޓީ ކައުންސިލްގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވެ އެވެ.
ސިޓީ ކައުންސިލްގެ މެންބަރު ޖަންބު ހަސަން އަފީފު ވިދާޅުވީ އާންމު ތަންތާގައި ދީނީ ދަރުސް ނުދިނުމަށް ކައުންސިލުން އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށެވެ.
އިސްލާމިކް ރިސާޗްގެ މަސްއޫލު މެމްބަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ އަންނަ ހުކުރު ދުވަހު އާޓްފިޝަން ބީޗުގައި ދަރުސެއް ބޭއްވުމަށް އެދުމުން އެތަން ލިބެން ނެތް ކަމަށް ކައުންސިލުން އެންގި ކަމަށެވެ. އަދި ފަހުން އަލިމަސް ކާނިވާ ހޯދަން އެދުމުން އާންމު ތަންތާގައި ދީނީ ދަރުސް ނުދިނުމަށް ބާރު ނާޅާ ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށެވެ.