2020 ގެ ތަސައްވުރަކީ ކޮބާ؟
ނަވާރަސަތޭކަ ނުވަދިހަ ނުވަވަނަ އަހަރު ރާއްޖޭގެ 34 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އޭރުގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅުގައި 2020 ވަނަ އަހަރު ރާއްޖެ އޮންނާނެ ގޮތުގެ ތަސައްވުރެއް ބަޔާންކޮށްދެއްވި އެވެ. ވިހިވިހީގެ ތަސައްވުރުގައި، ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ މެދުފަންތީގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްފައިވާ ގައުމަކަށް ވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
އެ ތަސައްވުރުގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޓާސްކް ފޯހެއް އެމަނިކުފާނު އެކުލަވާލެއްވި އެވެ. ހަމްދޫން ހަމީދު ޗެއާ ކުރެއްވި އެ ޓާސްކް ފޯހުން ވަނީ 2020 ގެ ތަސައްވުރު ހާސިލްކުރުމަށްޓަކައި އަޅަންވީ ފިޔަވަޅުތައް ހިމެނޭ، "2020 ގެ ތަސައްވުރު - ދާއިރާތަކުގެ މާރެސް" ފޮތް ތައްޔާރުކޮށްފަ އެވެ.
އެ މާރެހުގައި، 2020 އަންނަ އިރު ރާއްޖެއަށް ލިބޭނެ އިޖްތިމާއީ ތަރައްގީ އާއި އިގްތިސާދީ ކުރިއެރުމާއި އުމްރާނީ ތަރައްގީ އާއި ތިމާވެށީގެ ރޮނގުން ހޯދޭނެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާއަށް އަންނާނެ ބަދަލުތައް ވަރަށް ތަފްސީލުކޮށް ވަނީ ބަޔާންކޮށްފަ އެވެ. އެހެންކަމުން ރާއްޖޭގެ ތަރައްގީއަށް ރޭވޭ އަމަލީ މަޝްރޫއުތަކާއި ޕްރޮގްރާމުތައް ރޭވެމުން ދިޔައީ އެ މާރެހުގައިވާ ގޮތުގެ މަތިންނެވެ.
"އަޅުގަނޑުމެން މިދެކޭ ދިވެހިރާއްޖޭގެ ވިހިވިހީގެ ތަސައްވުރުގައި، ދިވެހިރާއްޖެއަކީ މާތްﷲގެ ރަހްމަތްފުޅާއެކު، ތަރައްގީވަމުން އަންނަ ގައުމުތަކުގެ މެދުފަންތީގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްފައިވާ ގައުމަކަށް ވާނެ. ހަމަ އެހެންމެ، ފުރިހަމަ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓާ، އަދި އެކަންކަން ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ ގާބިލިއްޔަތު ލިބިފައިވާ ގައުމަކަށް ވާނެ،" - މައުމޫން އަބްދުލްގައްޔޫމް
2020އަށް ހިފި އެންމެ ބޮޑު އަމާޒުތައް
- ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ހަމަހަމަކަމާއި ސުލްހަ ގާއިމުކުރާ ޑިމޮކްރެޓިކް ވެރިކަމެއް ގާއިމުކުރުން
- ދީނާއި ސަގާފަތަށް ލޯބިކުރާ، އަހުލާގު ރަނގަޅު، އޯގާތެރި އަދި ބަދަހި މުޖުތަމައެއް ބިނާކުރުން
- ކަންކަމުގައި ދެޖިންސުގެ މީހުންނަށް ހަމަހަމަ ފުރުސަތު ދިނުން
- ދަރިވަރުންނަށް 10 އަހަރުގެ ތައުލީމު ދިނުމާއި ފެންވަރު ރަނގަޅު މަތީ ތައުލީމުގެ ފުރުސަތު ދިނުން
- ސިއްހީ ހޭލުންތެރިކަން އިތުރުކޮށް، އަގުހެޔޮ އިންޝުއަރަންސް ނިޒާމެއްގެ ދަށުން ސިއްހީ ފަރުވާގެ އިންތިޒާމު ހަމަޖެއްސުން
- ގުދުރަތީ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ޓެކްނޮލޮޖީގެ އެހީގައި ތިމާވެއްޓާ ރަހުމަތްތެރި ލައިފްސްޓައިލެއް ގާއިމުކުރުން
- ގައުމީ ކަންކަމުގައި ޒުވާނުންގެ ފުރިހަމަ ބައިވެރިވުން ހޯދުން
- ފްރީޓްރޭޑުގެ ސަރަހައްދީ ނާރެހަކަށް ރާއްޖެ ހެދުން
- އިގްތިސާދީ ފުރުސަތު ފުޅާކޮށް، ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް އިގްތިސާދީ ނަފާ ލިބުން
- ޒަމާނީ ޓެކްނޮލޮޖީއާއެކު ދިރިއުޅުމުގެ ކަންކަން ފަސޭހަކުރުން
- ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ހަރަކާތްތެރި ދައުރެއް އަދާކުރުން