30 Dec 2019, 14:49
އެފްއޭއެމުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކުގެ ކުރިންނާއި ފަހުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތައް ކުއްލި ގޮތަކަށް ކެންސަލް ކުރީ އެ އިދާރައިގެ މީޑިއާ ރޫމްގެ މަރާމާތެއް ކުރަމުންދާތީ ކަމަށް ބުނެފި އެވެ.
ގައުމީ ލީގުގެ ކޮންމެ މެޗެއްގެ ކުރިންނާއި މެޗުގެ ފަހުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަކީ މީގެ ކުރިން އެފްއޭއެމުން ގަވާއިދުން ބާއްވަމުން އައި ކަމެކެވެ. އަދި ލީގުގައި އިއްޔެ އާއި މިއަދު ކުޅެން އޮތް މެޗުތަކުގެ މައުލޫމާތު ދިނުމަށާއި ޓީމު ތަކުގެ ކޯޗުންގެ ބަހެއް ހޯދުމަށް ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ނޫސްވެރިންނަށް ދައުވަތު ދިނީ ހޮނިހިރު ދުވަހު މެންދުރު ފަހު 2:30 އަށެވެ. އެކަމަކު ބައްދަލުވުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށް އެފްއޭއެމުން ވަނީ ކެންސަލްކޮށްލައިފަ އެވެ.
އަދި އެއީ ކޮން ސަބަބަކާ ހުރެ ކަމެއް އެފްއޭއެމުން އޭރު އެއްވެސް މީޑިއާއަކާއި ހިއްސާ ނުކުރި އިރު އެފްއޭއެމްގެ ދަރަނީގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އެ އިދާރާއަށް އަމާޒުވެފަ އެވެ. އެއާ އެކު އެފްއޭއެމްގެ ރަސްމީ މީޑިއާ ގުރޫޕުގައި ނޫސްވެރިންގެ ސުވާލުތައް ބަންޑުން ކޮށްލުމުން މިއަދު އެފްއޭއެމުން ދިން ޖަވާބަކީ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކުރީ އެ އިދާރައިގެ މީޑިއާ ރޫމުގެ މަރާމާތުގެ ބައެއ ކަންކަން ކުރަމުންދާތީ ކަމަށެވެ.
"ނޫސްވެރިންގެ ބައްދަލުވުންތައް ކެންސަލް ކުރަން ނިންމީ މި އިދާރައިގެ މީޑިއާ ރޫމުގެ މަރާމާތުތަކެއް ކުރަމުން ދާތީ. އަދި އެ ހޯލި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އެ އިދާރައިގެ ޓެކްނިކަލް ސްޓާފުންނަށް ބާއްވާ ހަތް ދުވަހުގެ ސެމިނާއަކަށް ތައްޔާރު ކުރުމަށް ބޭނުންވާތީ،" އެފްއޭއެމުން ބުނެފައިވެ އެވެ.
އެފްއޭއެމުން ބުނީ އެހެން ނަމަވެސް މީޑިއާ ތަކަށް ކޯޗުންނާ އެކު ޕްރި މެޗު ޕްރެސް ބޭއްވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެކަނަ ކުރަން ޖެހޭނީ މެޗުގެ ކުރިން ޓީމުތަކުން ބާއްވާ އެންމެ ފަހުގެ ޓްރެއިނިންގަށް ފަހު ކަމަށެވެ.
މީގެ އިތުރުން އިއްޔެ ހަވީރު ލީގުގައި ނިލަންދޫ އާއި ކްލަބް އީގަލްސް ކުޅޭ މެޗު ފެށި ފަހުން އެފްއޭއެމުން ވަނީ މެޗަށް ފަހު އޮންނަ ނޫސްވެރިންގެ ބައްދަލުވުން ނޯންނާނެ ކަމަށް ބުނެފަ އެވެ. ޕޯސްޓް މެޗު ޕްރެސް އަކީ އަބަދުވެސް މެޗު ނިމުމަށްފަހު ދަނޑުގައި ބާއްވާ ޕްރެހެކެވެ.
"އިއްޔެގެ ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސް ކެންސަލް ކުރަން ޖެހުނީ މުއާސަލާތު ކުރުމުގައި ދިމާވި ކޮމިއުނިކޭޝަން އެރޯއެއްގެ ސަބަބުން. އެކަމަށް މާފަށް އެދެން. މީގެ ފަހުން ހުރިހާ މެޗަކަށްފަހު ދަނޑުގައި ޕްރެސް ކުރިއަށް ދާނެ."