30 Dec 2019, 13:51
މާލޭގައި އަލަށް އަޅާ ސްވިމިން ޕޫލްގެ ބިން ސާފުކުރަން ރަޝީދު ކާޕެންޓްރީ އިން ފަށައިފި އެވެ.
ސްވިމިން ޕޫލްގެ ބިން ސާފުުކުރުުގެ އެއްބަސްވުމުގައި އިއްޔެ ޔޫތު މިނިސްޓްރީން ރަޝީދު ކާޕެންޓްރީއާ އެކު ވަނީ ސޮއިކޮށްފަ އެވެ.
އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 898،000 ރުފިޔާ އަށެވެ. އެ މަސައްކަތް ރަޝީދު ކާޕެންޓްރީއާ ހަވާލުކުރީ 30 ދުވަސްތެރޭ ނިންމާގޮތަށެވެ.

ސްވިމިން ޕޫލްއަޅަން ބިން ސާފުކުރަން ރަޝީދު ކާޕެންޓްރީއިން ފެށުން--- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް
މިއަދު އެކަމަށް ޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބިން ސާފުކުރުމުގެ މަސައްކަތް ފައްޓަވައި ދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.
ސްވިމިން ޕޫލްގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ވެސްމެ އެވެ.
ކުރީގެ ކުނިކޮށި ހުރި ސަރަހައްދުގައި ގާއިމްކުރަނީ އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލްއެކެވެ. ރާއްޖޭގެ ފެތުންތެރިން ބައިނަލްއަގުވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް ޕްރެކްޓިސް ކުރާން ޕޫލްއެއް ނެތުމުން އެކަމުގެ ޝަކުވާ ފެތުންތެރިން އަބަދު ވެސް ކުރެ އެވެ.
ޔޫތު މިނިސްޓްރީން ބުނީ ސްވިމިން ޕޫލްގެ ބިން ސާފުކޮށް ނިމުމުން ޕޫލް ހެދުމުގެ އަމަލީ މަސައްކަތް ފަށައި އަންނަ އަހަރު އެތަން ނިންމާލެވޭނެ ކަމަށެވެ.