ދިވެހި ސަރުކާރާއި އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ދެމެދު ކޮށްފައިވާ އެގްރީމަންޓްގެ ދަށުން އިބްރާހީމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ކުރިން ވެސް އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން 25 ޑޮލަރުގެ ޑެވޮލަޕްމަންޓް ފީއެއް ނެގިދާނެ ކަމަށް އެގްރީމަންޓް ފަރުމާ ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި އެކޮނަމިކް މިނިސްޓަރު މަހަމޫދު ރާޒީ ވިދާޅުވެއްޖެ އެވެ.

ރާޒީ މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެގްރީމަންޓްގައި އޮންނާނީ ޖީއެމްރުން އެއާޕޯޓް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ފައިސާ ހޯދާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށް ދިނުމުން އެ ފައިސާ ނެގޭ ގޮތަށް ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެގެރެންޓީ ދިވެހި ސަރުކާރަށް އެ ކުންފުނިން ދީފައިވާ ކަމަށާއި 180 ދުވަހުގެ ތެރޭގައި ކުރަން އެގްރީމަންޓް ލާޒިމުކުރާ ކަންކަން ވެސް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.

އަންނަ އަހަރުން ފެށިގެން އެއާޕޯޓުން ފުރާ ދެ އަހަރުން މަތީގެ ކޮންމެ މީހެއްގެ އަތުން 25 ޑޮލަރު ]385.5 ރުފިޔާ[ފީއެއް ނަގަން ޖީއެމްއާރުން ވަކާލާތާތު ކުރާ އިރު، އަދި އަހަރަކު އެއް މިލިއަން މީހުން ވަރު އެއާޕޯޓުން ފުރާ އިރު، އެއީ ވެސް އަހަރަކު 25 މިލިއަން ޑޮލަރު ނޫންތޯ އާއި އިންޑިއާގެ އެއާޕޯޓްތަކުން އެފަދަ ފީތައް ނަގަނީ އެއާޕޯޓް ތަރައްގީ ކުރުމަށް ފަހު ނޫންތޯ ދެންނެވުމުން ރާޒީ ވިދާޅުވީ ބައެއް ގައުމުތަކުގައި ކުރިއަށް ވެސް އެފަދަ ފީތައް ނަގާ ކަމަށެވެ.

ރާޒީ ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ތިން އަހަރުގެ ތެރޭގައި އިންވެސްޓް ކުރުމުން، އައިއެފްސީއާ އެކު "ހިސާބު ކިތާބު ޖަހައި" ހެދުމަށް ފަހު ދެން "ހުރިކަންކަން ރިކަވާ ކުރުމަށް" އެކަން ކުރިއަށް ވެސް ކުރެވިދާނެ ކަމަށެވެ.

ނަމަވެސް ރާޒީ ވިދާޅުވީ އެފީ ކުރިއަށް ނެގުމާ ބެހޭ ގޮތުން ދެކޮޅަށް ވެސް ބަހުސު ކުރެވިދާނެ ކަމަށާއި ނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި ކުރިއަށް އެ ފައިސާ ނަގާ ކަމަށެވެ. އަދި ވިދާޅުވީ ޖީއެމްއާރުން އެއާޕޯޓްގެ އިންވެސްޓްމަންޓަށް ބޭނުންވާ ފައިސާ ހޯދާނެ ކަމުގެ ޔަގީންކަން ކަރުދާހުން ދީފައިވާ ކަމަށެވެ.

އެއާޕޯޓް ތައްރަގީ ކުރުމުގެ ވާހަކަ ދެއްކި އިރު ފުރަތަމަ ވާހަކަ ދެއްކީ 300 މިލިއަން ޑޮލަރު އިންވެސްޓް ކުރާ ވާހަކަ އެވެ. ނަމަވެސް މިހާރު ސަރުކާރުގެ ވާހަކަތައް އަންނަނީ އެ އަދަދު 500 މިލިއަން ޑޮލަރަށް އަރާ ވާހަކަ އެވެ.

އިންޑިއާގެ އެއާޕޯޓްތަކުން އެފަދަ ފީއެއް ނެގުމުގެ ހުއްދަދެނީ އެއާޕޯޓް ތަރައްގީ ކުރުމަށް ފަހު ނޫންތޯ ދެންނެވުމުން އެ ނުކުތާ އަށް ސީދާ ޖަވާބެއް ނުދެއްވައި ރާޒީ ވިދާޅުވީ އެއީ ވެސް ވިޔަފާރި ކުންފުންޏެއް ކަމަށާއި ކުރިއަށް ފައިސާ ނަގާ ގައުމުތައް ހުރި ކަމަށެވެ.

އިންޑިއާގެ ވިޔަފާރި ކުންފުންޏަށް އެއާޕޯޓް އޮޕަރޭޓް ކުރަން 25 އަހަރަށް ކުއްޔަށްދީފައި ވަނީ 25 އަހަރުގެ ތެރޭގައި އެއާޕޯޓުން ފުރާ މީހުންގެ އަތުން 25 ޑޮލަރު ނެގޭ ގޮތަށެވެ. އަދި މިހާރު އަހަރަކު އެއް މިލިއަން ވަރަކަށް މީހުން އަހަރަކު ފުރާ އެއާޕޯޓުން ކުރިއަށް އޮތްތަނުގައި އެ އަދަދު އިތުރުވިއަސް އެ ވަރަށް ފައިސާ ދައްކަން ޖެހޭ ގޮތަށެވެ.
އެއާޓިކެޓްގައި ހިމަނައިގެން އެ ފައިސާ ނެގުމުގެ ހުއްދަ އަޔާޓާ އިން އަދި ދީދައި ނުވާތީ ޖީއެމްއާރުން ބުނެފައި ވަނީ އެއާޕޯޓްގައި ކައުންޓަރެއް ބަހައްޓައިގެން ވެސް އަންނަ ޖެނުއަރީ މަހުން ފެށިގެން އެ ފައިސާ ނަގާނެ ކަމަށެވެ.
ނަމަވެސް ބައެއް ފަރާތްތަކުން އަންނަނީ އެ ފައިސާ ކުރިއަށް ނުނެގޭނެ ކަމަށް ބުނެ ކޯޓަށް ދިއުމަށް ތައްޔާރުވަމުންނެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Mahumoodh Raazy (mp3)