30 Dec 2019, 13:55
ދިއްލީ (ޑިސެމްބަރު 30): އިންޑިއާގެ ކަނޑުގެ ސިފައިން ފޭސްބުކް ބޭނުން ކުރުމާއި ސިފައިންގެ މަރުކަޒުތަކާއި ޑޮކްޔާޑުތަކާއި ހަނގުރާމަ މަތީ ބޯޓުތަކުގައި ސްމާޓްފޯނު ބޭނުން ކުރުން އެގައުމުން މަނާކޮށްފި އެވެ.
އިންޑިއަން ނޭވީން ބުނި ގޮތުގައި އެއީ ސަލާމަތީ ފިޔަވަޅެކެވެ. އަދި ކަނޑުގެ ސިފައިން ސޯޝަލް މީޑިއާ އާއި ސްމާޓްފޯނު ބޭނުން ކުރުމާ ބެހޭ ގަވާއިދުތައް މީގެ ކުރިން ވެސް ހަދާފައިވެ އެވެ.
އިންޑިއާ އިން އެ ފިޔަވަޅު އެޅީ އެގައުމުގެ ހަތް ކަނޑުގެ ސިފައިން، ފޭސްބުކު މެދުވެރިކޮށް ބޭރު ގައުމެއްގެ ޖާސޫސީ އިދާރާތަކަށް ނާޒުކު މައުލޫމާތު ލީކު ކުރި މައްސަލައެއް ފެންމަތިވި ފަހުންނެވެ.
"[ފޭސްބުކް މަނާ ކުރަން] ނިންމީ އެ ހަތް ސިފައިންގެ މައްސަލައަށް ވެސް ބެލުމަށް ފަހު. އެ ގަވާއިދުގެ ސަބަބުން އުނދަގޫތަކެއް ވާނެކަން އަޅުގަނޑުމެންނަށް އެނގޭ. ނަމަވެސް އެގޮތަށް ނިންމާފައި ވަނީ ގައުމީ މަސްލަހަތަށްޓަކައި،" ކަނޑުގެ ސިފައިންގެ އޮފިޝަލަކު ވިދާޅުވި އެވެ.
އިންޑިއާ ޓުޑޭގައިވާ ގޮތުން މިހާރު ހައްޔަރުކޮށްފައިވާ އެ ހަތް ސިފައިންގެ މީހުން ވަނީ އެގައުމުގެ ނޭވީގެ ކަނޑުގެ އުޅަނދުތަކާއި ސަބްމެރިންތަކާ ބެހޭ މައުލޫމާތު ޕާކިސްތާނުގެ ޖާސޫސުންތަކަކާ ހިއްސާކޮށްފަ އެވެ. އަދި ޕާކިސްތާނުން ރާވައިގެން ކުރިއަށްގެންދިޔަ ކަމަށް އިންޑިއާއިން ބުނާ އެ ޖާސޫސީ ހަރަކާތްތައް ފަޅާ އަރުވާލީ އުއްތަރަ ޕްރަދޭޝްގެ ފުލުހުންނާއި ގައުމުގެ ސީއައިއޭއިން ގުޅިގެން ފެއްޓި "ޑޯލްފިންސް ނޯސް" ކިޔާ އޮޕަރޭޝަނެއްގަ އެވެ.