ބެލުންތެރިންނާއި ކްރިޓީކުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ، އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ގުޑް ނިއުސް" ދެއްކުން ހުއްޓާލުމަށް ގޮވާލައި ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އަކްޝޭގެ އިތުރުން ކަރީނާ ކަޕޫރު ހާން، ކިއާރާ އަދްވާނީ އަދި ދިލްޖީތު ދޯސާންޖް ލީޑު ރޯލުތަކުން ފެނިގެންދާ އެ ފިލްމަކީ، އައިވީއެފް ހެދުމުގެ ތެރޭގައި ހޮސްޕިޓަލަށް ވެވޭ އިހުމާލެއްގެ ސަބަބުން ހަތަރު މީހުންގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމުގެ ސަބަބުން އައިވީއެފް ހަދައިގެން ދަރިން ހޯދުމާ ބެހޭ ގޮތުން ނުބައި ތަސައްވުރެއް އުފައްދައިދޭ ކަމަށް ބުނެ އެ ފިލްމާ ދެކޮޅަށް ހައި ކޯޓަށް މައްސަލައެއް ހުށަހެޅީ ކަރްނާޓަކާގެ މައިސޫރަށް ނިސްބަތްވާ ޔޭސް ޓްރަސްޓް ޖަމިއްޔާއިންނެވެ.

އެ މީހުން ބުނަމުން އަންނަނީ "ގުޑް ނިއުސް" އަކީ ވިޔާނުދާ ފިލްމެއް ކަމަށާއި ފިލްމުން ގިނަ ބަޔަކަށް ކަންތައްތައް އޮޅުން އަރާ ކަމަށެވެ.

ރާޖް މެހެތާ ޑައިރެކްޓުކޮށްފައިވަ އެ ފިލްމަކީ މަޖާ ފެމެލީ ޑްރާމާއެކެވެ. އެ ފިލްމުގައި ކަރީނާގެ ތައިމުރުގެ ހާއްސަ ފެނިލުމެއް ހިމެނެއެވެ.