29 Nov 2011, 12:43
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު މަޖިލީހުގެ ރިޔާސަތަށް ވެންނެވުމަށްޓަކައި ހުންނަ ދޮރުން، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ޖަލްސާއަށް ވަންނަވައި މަޖިލީހުގެ ރައީސާ ދިމާ ކުރުމުގެ އަމަލެއް ހިންގަވާފައިވާތީ އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒުގެ ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅު ވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ މެޑިކަލް ޑިވައިސަސްއާބެހޭ ބިލުގެ ބަހުސް ހިނގަމުން ދަނިކޮށް ތަޅުމުގެ އަޑު ގަދަވުމާއެކު މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ ރިޔާސަތާ ދިމާލުގައި ހުންނަ ދޮރުން ރިޔާޒު ރަޝީދު ވެންނެވި ކަމަށާއި އޭނާ ނެރުއްވުމަށެވެ. އަދި މަޖިލީހުގެ ޖަލްސާ ހިނގަމުން ދަނިކޮށް މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކު ވަންނަވާ ދޮރުން ނުވަދެވޭނެ ކަމަށާއި، އެ ދޮރުން ވަދެ ރިޔާސަތުގައި އިންނަވާ ބޭފުޅަކާ ދިމާ ކުރުމުގެ އަމަލު ހިންގުން އެއީ މަޖިލީހުގައި ކުރެވިގެންވާނެ ކަމެއްނޫން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އެކަން އެގޮތަށް ހިންގިޔަ ނުދިނުމަށް މަޖިލީހުގެ ސަލާމަތީކަންތައްތައް ބަލަހައްޓާ ފަރާތްތަކަށް އެންގުމަށް ވެސް މަޖލީހުގެ ރައީސް މަޖިލީހުގެ އަމީން އާމަށް ދެންނެވި އެވެ.
" މަޖިލީހުގެ ރިޔާސަތާ ދިމާ ކުރެއްވުމަށް މަޖިލީހުގެ ރިޔާސަތުން ބޭނުންކުރާ ދޮރުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވެދެވަޑައިގެން އަޅުގަނޑާ ދިމާ ކުރެއްވި ދިމާ ކުރެއްވުން މަޖިލީހުގެ އިމްތިޔާޒާ ބެހޭ ކޮމިޓީން ބައްލަވައި ދެއްވުމަށް އަޅުގަނޑު ފޮނުވާނެ ވާހަކަ ދަންނަވަން،" ޝާޙިދު ވިދާޅުވި އެވެ.
އެ ހާދިސާއަށްފަހު ކުޑަ ވަގުތުކޮޅެއް ފަހުން، ޝާޙިދު ކުރެއްވި ތުހުމަތުތަކާ ގުޅިގެން، ނިޒާމީ މައްސަލަ ނަންގަވައި ރިޔާޒު ރަޝީދު ވިދާޅުވީ، އޭނާ މަޖިލީހުގެ ރިޔާސަތާ ދިމާކުރެއްވީކަމަށް ވިދާޅުވެ ޝާޙިދު ހެއްދެވީ ބޮޑު ދޮގެއް ކަމަށެވެ. އެއީ އޮޅުވާލުމަށް ޝާޙިދު ދެއްކެވި ވާހަކައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާޒު ނެންގެވި ނިޒާމީ މައްސަލައަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ، ނިޒާމީ މައްސަލައިގައި ރިޔާޒު ވާހަކަ ދެއްކެވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި މަޖިލީހުގެ ރައީސާ ދިމާ ކުރެއްވުމަށް ފަހަތުން ވެދެ ވަޑައިގެން ރިޔާޒު މަސައްކައް ކުރެއްވި ކަމަށާއި، އެއްވެސް ހާލެއްގައި މަޖިލީހުގެ ތަޅުމުގައި މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅެއްގެ ގަޔަށް އަތްލުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.