ގއ. ނިލަންދޫން ލަނޑާ ބަރުކޮށްގެން ގދ. ފިޔޯރީއަށް ދަތުރު ކުރަނިކޮށް ފިޔޯރީ ބޭރަށް އަޑިއަށް ދިޔަ "ފަހިދޫ" ބޯޓުގައި ހުރި މުދަލާއި އެނިހެން ސާމާނު އޮޔާ ގޮސް ދެފެންދޭތެރޭ ހުރެދާނެތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުތަކުން އެކަމަށް ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސް ކޮށްފި އެވެ.

ފިޔޯރީއާ 13 މޭލު ބޭރަށް އިއްޔެ އަޑިއަށް ދިޔަ ދޯނީގައި ތިބި އަށް މީހުން ސަލާމަތްވެފައި ވަނީ ދޯނި ދިޔަވާން ފެށުމުން ދޯނީގައި އޮތް ޑިންގީ އަކަށް އަރައިގެން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ކޯސްޓްގާޑުން ބުނީ ބޯޓުގެ ދިރުބާކޮޅު ފިޔަވާ ހުރިހާ ބައެއް ވަނީ އެއްކޮށް އަޑިއަށް ގޮސްފައި ކަމަށެވެ. އަދި އެ ސަރަހައްދަކީ ވަރަށް ގިނަ އުޅަނދުފަހަރު ރޭގަނޑު ދަތުރުކުރާ ސަރަހައްދަކަށް ވާތީ ކޯސްޓްގާޑުން އެ ސަރަހައްދު ބަލަހައްޓަމުން އަންނަ ކަމަށެވެ.

"މިބޯޓު އަޑިޔަށް ދިއުމުގެ ސަބަބުން ބޯޓުގައި ހުރި މުދަލާއި އެނިހެން ސާމާނު އޮޔާ ގޮސް ދެފެން ދޭތެރޭގައި ހުރެދާ ނެތީ މިސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުކުރެއްވުމަށް ކޯސްޓްގާޑުން އިލްތިމާސްކުރައްވަ އެވެ."

މިދުވަސްވަރަކީ މޫސުމް ގޯސްވެ، ކަނޑުގަދަ ދުވަސްވަރަކަށް ވާތީ މޫސުމަށް ބަލައިގެން ދަތުރު ކުރުމަށާއި އުޅަނދަށް އެކަށީގެން ނުވާވަރަށް ބަރުކޮށްގެން ނުދުއްވުމަށް ކޯސްޓްގާޑުން އިލްތިމާސްކުރެ އެވެ.