ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ޓީމެއް މިއަދު ލ. އަތޮޅަށް ފުރައިފިއެވެ.

ލ. އަތޮޅަށް ފުރުމުގެ ކުރިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދެ ޕާޓީގެ ހަރަކާތްތައް މިހާރު ވަރަށް ބާރަށް އަތޮޅު ތެރޭގައި ކުރިއަށްދާ ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީ އާއި، ގދ. އަތޮޅާއި ގއ. އަތޮޅު އަދި ތ. އަތޮޅުގައި ޕީޕީއެމް-ޕީއެންސީގެ ޓީމުތައް ހަރަކާތްތެރިވަމުން އަންނަ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދނަީ ކުރިމަތިވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުންނާއި އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ސޮއިކުރަމުންދާ ޕެޓިޝަނުގެ ކަންތަކުގައި،" އޭނާ ވިދާޅުވިއެވެ.

މިއަދު އިދިކޮޅުގެ ޓީމެއް ލ. އަތޮޅަށް ފުރާފައި ވާއިރު، މާދަމާ އިތުރު ޓީމެއް މ. އަތޮޅަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ޓީމުތައް އަތޮޅު ތެރޭގައި ހަރަކާތްތެރިވުމުގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުން ކަމަށެވެ.

"ބޭނުމަކީ އަޅުގަނޑުމެންގެ ޕާޓީގެ ރޫހު އަތޮޅު ތަކުގައި ވަރުގަދަ ކުރުމާއި، ރައީސް ޔާމީނަށް އޮތް ތާއީދު އިތުރުކުރުމަށް މަސައްކަތް ކުރުމާއި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕެޓިޝަންގެ މަސައްކަތް ކުރުމާއި އަދި ލޯކަލް ކައުންސިލްގެ އިންތިހާބަށް ތައްޔާރުވުން،" އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ ދާދި ފަހުން ދ. ކުޑަހުވަދުއަށް ވެސް ދަތުރެއް ކޮށްފައެވެ. އެ ދަތުރާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އެއީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އެރަށުގައި ބޭއްވި ހިނގާލުމުގައި ބައިވެރިވުމަށް، އެރަށު ރައްޔިތުންގެ އެދުމުގެމަތިން ދެ ޕާޓީން ކުރި ދަތުރެއް ކަމަށެވެ.

އިދިކޮޅުން އަތޮޅުތަކަށް ކުރަމުން އަންނަ ދަތުރުތަކުގައި އެ ކޯލިޝަނާ އެތައް ސަތޭކަ ބަޔަކު ގުޅެމުން އަންނަ ކަމަށާއި އަދި އެ ކޯލިޝަނަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދު އިތުރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ދެ ދުވަހުގެ ތެރޭގައި ހަމައެކަނި ކުޑަހުވަދޫން، ޕެޓިޝަނުގައި 951 މީހަކު ސޮއިކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެރަށުން ޕީޕީއެމް އަށް އަޣްލަބިއްޔަތު ލިބޭނެ ކަމުގެ ޔަގީންކަން އެރަށުން ދީފައިވާ ކަމަށަ ވެސް އޭނާ ވިދާޅުވިއެވެ.

އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޖެނުއަރީ ހަތެއްގެ ކުރިން ފޯމު ހުށަހެޅުމަށް އެ ޕާޓީން ވަނީ އެދިފައެވެ.