29 Dec 2019, 19:10
އަހްމަދު ރިޒްވާން (ރިޒޭ) ކާމިޔާބު ކުރި ހެޓްރިކާއެކު، ފ. ނިލަންދޫ އަތުން މޮޅުވެ، ކުލަބު އީގަލްސްއިން ލީގު ތާވަލުގެ ދެވަނައިގައި ހަމަޖެހިލައިފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ނިލަންދޫގެ މައްޗަށް އީގަލްސްއިން ކުރި ހޯދީ 2-4 ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މޮޅާ އެކު އީގަލްސް ދެވަނައިގައި އޮތީ ކުޅުނު 14 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް 15 މެޗުން 38 ޕޮއިންޓު ލިބިފައިވާ އިރު އީގަލްސްއާއި އެންމެ ގާތުން ދެން ވާދަކުރާ ގްރީން ސްޓްރީޓްސްއަށް ލިބިފައި ވަނީ 23 ޕޮއިންޓެވެ. އަދި މިއަދުގެ މެޗުން ބަލިވި ނިލަންދޫ އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި 15 މެޗުން 13 ޕޮއިންޓާއެކު އެވެ.

އީގަލްސްއާއި ނިލަންދޫ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 2-4 އިން ކާމިޔާބު ކުރީ އީގަލްސް --- ފޮޓޯ// އެފްއޭއެމް
މިއަދުގެ މެޗު ފެށިގެން ގިނަ ހަމަލާތައް އުފައްދާ މޮޅަށް ކުޅެމުން ދިޔައީ އީގަލްސްއިންނެވެ. އެކަމަކު ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފާ ނިލަންދޫން ވެސް ވަނީ އީގަލްސްއާ ދެކޮޅަށް ވަރުގަދަ ފައިޓެއް ދީފަ އެވެ. އެގޮތުން އީގަލްސް ދެފަހަރަށް ލީޑު ނެގި އިރު ވެސް ނިލަންދޫން ނަތީޖާ ހަމަހަމަ ކުރި އެވެ.
އީގަލްސްގެ ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރް (ސެންޓޭ) ސަސްޕެންޝަނުގެ ސަބަބުން މިއަދުގެ މެޗުގައި ކުޅެފައެއް ނުވެ އެވެ. މެޗު ފެށިގެން އީގަލްސްއިން ވަރަށް ކުރީ ކޮޅު ރިޒޭގެ ގޯލުން ލީޑު ނަގާފައި ވަނިކޮށް އެ ހާފު ނިމުމުގެ ކުރިން ނިލަންދޫއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖަޕާންގެ މިޑްފީލްޑާ ޓޮށުކީ އޮކަމޯޓާ (ޓޮށީ) އެވެ.
ދެވަނަ ހާފުގައި ކުޅެން ނުކުމެ އީގަލްސްއިން އިން ގޯލު ޖަހަން ގިނަ ހަމަލާތަކެއް އުފެއްދި އިރު ނިލަންދޫން ވަނީ އިދިކޮޅުން އުފެއްދި ހަމަލާތައް ދިފާއުކުރުމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެހެން ނަމަވެސް 73 ވަނަ މިނަޓުގައި އީގަލްސްއިން މެޗުގައި ދެވަނަ ފަހަރަށް ވަނީ ލީޑު ނަގައިފަ އެވެ. އެ ގޯލު ވެސް އެ ޓީމަށް ޖަހައިދިނީ ރިޒޭ އެވެ.
ރިޒޭގެ ގޯލާ އެކު ނިލަންދޫން އަނެއްކާވެސް ކުޅުން ރަނގަޅުކޮށް ރައްދުގައި ގޯލެއް ޖެހި އެވެ. ނިލަންދޫގެ ލަމްޕްޓީ ސެމިއުލް އެ ޓީމަށް ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް އޭގެ އިރަކޮޅެއް ފަހުން އެ ޓީމުގެ އުންމީދުތައް ފުނޑު ފުނޑުވީ ކެޕްޓަން ފަރުހާދު އިސްމާއީލް (ފަރޭ) އަތުން ވަން ބައި ގޯލާ އެކު އެވެ. އެއާ އެކު އީގަލްސްއަށް ހިތްވަރު ލިބި އިތުރު ގޯލެއް ޖެހުމަށް މަގުފަހިވެގެން ދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިމުމުގެ ކުރިން އީގަލްސްގެ ރިޒޭ ވަނީ އިތުރު ގޯލެއް ޖަހައި އޭނަގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.