29 Dec 2019, 18:29
ހަ ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީން މިއަދު ދެ ކުންފުންޏަކާ ހަވާލުކޮށް، މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ޖުމްލަ 217959799.61 ރުފިޔާ ހަރަދުކޮށްގެން ހަ ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮޕްމެނީ (އެމްޓީސީސީ) އަދި ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް އާއެވެ.
މިއަދު ވެވުނު އެއްބަސްވުންތަކުގެ ދަށުން، ބަނދަރުގެ މަސައްކަތް ކުރެވިގެންދާނެ ރަށްތައް:
އދ. ދިއްދޫ
- ށ. ފޭދޫ
- ށ. ފޯކައިދޫ
- ކ. ހިންމަފުށި
- ރ. ރަސްގެތީމު
- އދ. ހަންޏާމީދޫ
ފޭދޫ، ފޯކައިދޫ، ހިންމަފުށި އަދި ހަންޏާމީދޫ ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. ހެވީ ފޯސް އާ ހަވާލުކޮށްފައި ވަނީ ރަސްގެތީމު އަދި ދިއްދޫ ބަނދަރުގެ މަސައްކަތެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ދިއްދޫ ބަނދަރުގެ މަސައްކަތް ކުރުމަށް ހެވީ ފޯސް އާ ހަވާލުކޮށްފައި ވަނީ 21,956,238.75 ރުފިޔާއަށް، 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ހެވީ ފޯސް ކުންފުންޏާ އެކު ދެން އެއްބަސްވެފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ރަސްގެތީމު ބަނދަރު އަދި ޖެޓީ ހެދުމުގެ މަސައްކަތެވެ. އެ މަޝްރޫއަށް 50,000,095.25 ރުފިޔާ ހަރަދުވާއިރު، އެއީ 420 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ހަ ރަށެއްގެ ބަނދަރުގެ މަސައްކަތް ހަވާލުކުރުން --- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
ހިންމަފުށި ބަނދަރު މަޝްރޫއުގެ ދެވަނަ ފޭސް ކުރިއަށް ގެންދަން 24,602,989.02 ރުފިޔާއަށް ހަވާލުކުރީ އެމްޓީސީސީ އާއެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ފޭދޫގެ ބަނދަރު ހެދުމަށް 33,144,965.10 ރުފިޔާ ހަރަދުވާއިރު، 480 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން މިއަދު ވަނީ އެއްބަސްވެފައެވެ.
ފޯކައިދޫ ބަނދަރު ހެދުމަށް ހޭދަވާނީ 55,974,940.88 ރުފިޔާ އެވެ. އެމަޝްރޫއަކީ 500 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ހަންޔާމީދޫ ބަނދަރު ހެދުމަށް 32,280,570.61 ރުފިޔާ ހަރަދުވާއިރު، އެއީ 300 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތަކެވެ.