29 Nov 2011, 11:40
އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އިންޑިޔާގެ ޖީއެމްއާރު ކުންފުނިން ދަނީ އެމީހުންގެ ނުފޫޒު ފުޅާ ކުރަމުން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ގައުމުގެ މަސްލަހަތުގައި އެކަމަށް ވިސްނައިފި ނަމަ އެމީހުންގެ ފިޔަ ކޮށާލުމަކީ ކުރެވިދާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެއާޕޯޓް ތަރައްގީ ނުކޮށް، ހިދުމަތުގެ އަގުތައް ބޮޑުކޮށް ފުރާ މީހުންގެ އަތުން 25 ޑޮލަރުގެ ޓެކްހެއް ނަގައި، އެއާޕޯޓްގައި ތިބި ދިވެހިންގެ ވިޔަފާރިތައް ހުއްޓުވާލައި އެމީހުން އެއާޕޯޓުން ފައްސާލާފައިވާ ކަމަށް ބުނެ ޖީއެމްއާރުގެ އިންސާފެއް ނެތް އެ އަމަލުތައް ކުށްވެރިކޮށް، އެ އަމަލުތައް ހުއްޓުވައި ދިނުމަށް ސަރުކާރަށް ގޮވާލައި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ގަރާރަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ޖީއެމްއާރާ އެކު ސަރުކާރުން ކޮށްފައިވާ މުއާމަލާތަކީ އިންސާފުވެރި މުއާމަލާތެއް ނޫން ކަމަށެވެ. އެކަމުން ދިވެހި ގައުމަށް ވަންނަ ފައިސާ އަށް ވުރެ ލިބޭ ގެއްލުންތައް މާބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެމީހުންގެ ނުފޫޒު ދަނީ ފުޅާ ކުރަމުން ބޮޑު ކުރަމުން. އަޅުގަނޑު ދެކޭ ގޮތުގައި އަދިވެސް އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށްފި ނަމަ އެ އެގްރީމެންޓްގެ ސަބަބުން ރާއްޖެ އަށް، ރާއްޖޭގެ އިގްތިސޯދަށް، އަދި ރާއްޖޭގެ ރައްޔިތުންނަށް، އަންނާނެ އުނދަގޫތަކަކީ ހުއްޓިދާނެ އުނދަގޫތަކެއް. އަޅުގަނޑުމެން އެންމެން ގައުމުގެ މަސްލަހަތުގައި މިކަމަށް ވިސްނައިފި ނަމަ އަދިވެސް މިމީހުންގެ ފިޔަ ކޮށާލުކަމީ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، ޖީއެމްއާރަކީ އިންޑިޔާ ސަރުކާރާއި އިންޑިޔާގެ އިގްތިސާދުގެ ނުފޫޒު ރާއްޖެ އަށް ވަދެގެންދާނެ މަގެއް ކަމަށް އަބަދު ވެސް ބަގޫލު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އިންޑިޔާގެ ބޮޑު ކުންފުންޏެއް ޖީއެމްއާރަކީ. އެ ކުންފުންޏަކީ އިންޑިޔާގެ އިގްތިސާދަށް މުހިއްމު ކުންފުންޏަކަށްވާނެ. އިންޑިޔާގެ އިގްތިސާދަށް މުހިއްމު ކޮންމެ ކުންފުންޏަކީ އިންޑިޔާގެ ގައުމީ ސަލާމަތަށް އަސަރުކުރާނެ ފަދަ ނުފޫޒު ގަދަ ބަޔަކަށް ވާނެ. އިންޑިޔާގެ ގައުމީ ސަލާމަތަށް އަސަރު ކުރާނެ ކޮންމެ ކަމަކީ އިންޑިޔާ ސަރުކާރުން އަހައްމިއްޔަތުކަން ދޭނެ ކަމެއްކަން ޔަގީން. އެއީ އެކަން ހިނގާނެ ވެސް ގޮތް،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަން އެގޮތަށް ދާނެކަން އެ އެގްރީމެންޓްގައި ސޮއިކުރި ދުވަހު ނުވިސްނި އޮވެދާނެ ކަމަށެވެ. ނަމަވެސް މިއަދުގެ ހަގީގަތަކީ، އެއާޕޯޓަށް ބޯޓު ޖެއްސުމާއި ބޯޓު ފުރުމާ ގުޅޭ ގޮތުން ނަގާ ހެންޑްލިން ފީ އަކީ ޖީއެމްއާރަށް ވަންނަ އެއްޗެއް ކަމަށެވެ. އަދި އެމީހުންނަށް ލިބުނީ ހިނގަ ހިނގާ ހުރި، ވަތްގަނޑުތަކަށް ފައިސާ އޮހެމުން ދިޔަ އެއާޕޯޓެއް ކަމަށާއި އެމީހުން އޭގެ ކުލިތައް ބޮޑު ކުރުމުން އެމީހުންނަށް ލިބޭ ފައިސާ އިތުރުވަމުން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ޖީއެމްއާރުގެ ޕޮލިސީއަކީ ވެސް ދިވެހިންނަށް ޑިއުޓީ ފްރީ ވިޔަފާރިތައް ނުދީ އެމީހުންގެ މީހުންނަށް އެ ވިޔަފާރިތައް ދިނުމެވެ. އޭގެ އިތުރުން އެތަނުގެ ބިމު ކުއްޔާއި ތެލާއި އެއާލައިންތަކުން ނަގާ ފައިސާ ބޮޑުކޮށް އެއާޕޯޓް ރެޕުން އެއާޕޯޓުން ފޭބުމަށް އަންގަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ދިވެހިން މިއަދު އެތަނުން ނިކުންނަން އެ ތައްޔާރުވަނީ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ކުޑަމިނުން ވީއައިޕީ ވެސް ދެން ބޭނުން ކުރެވޭނީ ލާރި ދައްކައިގެން ކަމަށް ސަރުކާރުގެ އިދާރާތަކަށް ނޯޓްތައް ފޮނުވަމުން އެދަނީ. އެމީހުންގެ ވާހަކައަކީ ޖެނުއަރީ އެކަކުން ފެށިގެން ރިސޯތްތަކުން ގެންނަ މީހުން ވެސް ލޯންޗްގައި އައިސް ޖެޓީ އަށް ފެއިބީމާ ހަވާލު ވާނީ ޖީއެމްއާރުގެ މީހުންނޭ. އަދި އަންނަ މީހުން ވެސް ހަވާލު ވާނީ ޖީއެމްއާރުގެ މީހުންނޭ." ނަޝީދު ވިދާޅުވި އެވެ.