ދިއްލީ (ޑިސެމްބަރު 29): އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި އެގައުމުގެ ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރާ މީހުންގެ މުދާތައް ނަގާނެ ކަމުގެ އިންޒާރު އެ ސްޓޭޓުގެ ސަރުކާރުން ދީފި އެވެ.

އުއްތަރަ ޕްރަދޭޝްގައި އޮންނަ ބާރަތިޔާ ޖަނަތަ ޕާޓީގެ ސަރުކާރުގައި އިސްކޮށް ހުންނަވާ ޗީފް މިނިސްޓަރު ޔޯގީ އަދިތުޔާނަތު ވިދާޅުވި ގޮތުގައި، މުޒާހަރާ ކުރާ މީހުންގެ ތެރެއިން އާއްމު ތަންތަނުގައި ހުންނަ ތަކެއްޗަށް ހަމަލާ ދޭ މީހުންނަކީ ކޮން ބަޔެއްކަން ސަރުކާރުން ހޯދާނެ އެވެ. އަދި އެމީހުންގެ މުދާތައް ނަގާ، ލިބުނު ގެއްލުމަށް ބަދަލު ހޯދާނެ އެވެ.

"[މުޒާހަރާތަކުގައި] ލަކްނޯ އާއި ސަމްބާލްގައި ހަމަނުޖެހުންތައް ހިނގި އަދި އެކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ. އެގޮތުން އާއްމު ތަންތަނުގައި ހުރި ތަކެއްޗަށް ގެއްލުން ދިން މީހުންގެ ހުރިހާ މުދާތައް އަތުލާ، އެ ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން އެމީހުންގެ މުދާ ނީލަން ކިޔާނެ،" އަދިތުޔާނަތު ވިދާޅުވި އެވެ.

އުއްތަރަ ޕްރަދޭޝްއިން މިހާރު ވަނީ މުޒާހަރާތަކުގައި ބައިވެރިވެ ތަކެއްޗަށް ގެއްލުން ދިނުމުގެ ތުހުމަތުގައި، އޭގެ ބަދަލު ދޭން ޖެހިދާނެ ކަމަށް ބުނެ 300 އަށް ވުރެ ގިނަ މީހުންނަށް ނޯޓިސް ފޮނުވާފަ އެވެ. އަދި އެ ގެއްލުންތައް ދިނުމުގައި ބައިވެރި ނުވާކަން ސާބިތު ނުކުރެވޭ ނަމަ އެމީހުންގެ ފަރާތުން ބަދަލު ހޯދާނެ ކަމަށް ލަކްނޯގެ މެޖިސްޓްރޭޓަރަކު ވިދާޅުވި އެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުން ދަނީ މި މަހުގެ 11ގައި ޕާލިމެންޓުން ފާސްކޮށް، ޖެހިގެން އައި ދުވަހު ތަސްދީގުކޮށްފައިވާ ރަށްވެހިކަމުގެ ގާނޫނުގެ އިސްލާހަކާ ދެކޮޅަށެވެ.

އެ އިސްލާހުގައި ވަނީ ބަންގުލަދޭޝް، ޕާކިސްތާނު އަދި އަފްޣާނިސްތާނުން އިންޑިއާއަށް ގަވާއިދާ ހިލާފަށްދާ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ދެވޭނެ ގޮތް ހަދާފަ އެވެ. އަދި އެ ގާނޫނާ ދެކޮޅު މީހުން ވަނީ އެއީ މުސްލިމުންނާ މެދު ތަފާތު ކުރާ ގާނޫނެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އެ މުޒާހަރާތަކުގައި މިހާތަނަށް 25 މީހަކު މަރުވެފައިވާ އިރު އޭގެ ތެރެއިން 18 މީހުންނަކީ އުއްތަރަ ޕްރަދޭޝްގެ މީހުންނެވެ. އަދި އެމުޒާހަރާތަކުގެ ތެރެއިން ފުލުހުން 600 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.