29 Nov 2011, 11:37
އެމްއެންބީސީގެ ޔޫތު ޓީވީ ގެ އެސިސްޓެންޓް މެނޭޖާ އިބްރާހިމް މުއާޒް (މުއާ) ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރާނެކަމަށް އެމްއެންބީސީން ބުނެފިއެވެ.
އެމްއެންބީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ އާދަމް ޝަރީފް ވިދާޅުވީ ޓްރައިބިއުނަލް އިން އެގޮތަށް އަމުރުކުރިޔަސް ގާނޫނު އަސާސީގެ 56 ވަނަ މާއްދާއިން އެމްއެންބީސީ އަށް އިސްތިއުނާފް ކުރުމުގެ ހައްގު ލިބިފައިވާތީ، އެ އަމުރު އިސްތިއުނާފު ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
"ވަޒީފާއާއިބެހޭ ޓުރައިބިއުނަލުން އެގޮތަށް ނިންމިކަމަށްވިޔަސް ގާނޫނު އަސާސީގެ 56 ވަނަ މާއްދާއިން އެމްއެންބީސީ އަށް ލިބިދޭ އިސްތިއުނާފް ކުރުމުގެ ހައްގު ލިބިފައިވޭ. އެހެންވީމަ އަޅުގަނޑުމެން އެ މައްސަލަ އިސްތިއުނާފް ކުރާނަން،" އާދަމް ޝަރީފް ވިދާޅިވިއެވެ.
މުއާޒު ވަޒީފާއިން ވަކިކުރީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މުސާ މަނިކު އެމްއެންބީސީ ޗެނަލް ވަންގެ ލައިބްރަރީ ތެރޭ އިންނަވަނިކޮށް ފޮޓޯ ނަގައި ލީކުކޮށްލި ކަމުގެ ތުހުމަތުގަ އެވެ.
ވަޒީފާ އާއި ބެހޭ ޓަރިބިއުނަލުން އެ މައްސަލަ ބެލުމަށް ފަހު އިއްޔެ ނެރުނު އަމުރުގައި ވަނީ މުއާޒު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާ އާއި ބެހޭ ގާނޫނާއި ޚިލާފަށް ކަމަށްވާތީ، މުއާ ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން މިއަދާއި ހަމަޔަށް މުސާރައާއި އިނާޔަތުގެ ގޮތުގައި އޭނާއަށް ދޭންޖެހޭ ފައިސާ މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ މުއާއަށް ދީ ހަލާސް ކުރުމަށްފަހު ލިޔުމުން އެކަން ޓްރައިބިއުނަލަށް އެންގުމަށެވެ.