21 Jun 2010, 05:58
10:00
ސ.ހިތަދޫގައި ވޯލްޑް ކަޕް ބަލަން ތިބި ބައަކަށް ގްރޫޕަކުން ގޮސް މާރާމާރީ ހިންގާ ތޫނު އެއްޗަކުން ހަމަލާ ދީ ޒަޚަމްކޮށްލުމާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހިތަދޫ ފަޅުގެއެއްގެ ތެރޭ ސްކީރީން ބަހައްޓައިގެން ރޭ ވޯލްޑް ކަޕް ބަލަން ވެގެން ތިބި ބަޔަކަށް ގްރޫޕަކުން ގޮސް ތޫނު އެއްޗަކުން ހަމަލާ ދިނުމާއި ގުޅިގެން ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށާއި އަދި އޭގެ ތެރެއިން އެކަކަށް ރޭ އައިސީޔޫގައި ފަރުވާ ދީފައިވާ ކަމަށެވެ. އަދި އިތުރު ތިން މީހަކަށް ވެސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އޮފިޝަލު އިތުރަށް ވިދާޅުވީ މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް ނޭނގޭ ކަމަށެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން އޭގެ ތެރެއިން ބައެއް މީހުންގެ ބުރަކަށްޓަށާއި ގައިގެ އެކި ތަންތަނަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި އެތަނުން އެކެއްގެ ބޮލަށް ވެސް ގެއްލުންވެފައިވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެ އެވެ.